ގްރޭންޑް ޕާކް ކޮށްދިއްޕަރު މޯލްޑިވްސް ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއެއް ފެނި އޭނާގެ ހާލު ގޯސްވެފައިވާތީ، އިތުރު ފަރުވާއަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައި ވަނީ އެ ރިސޯޓުގެ ބިދޭސީ ސްޓާފެއްގެ ގައިން ކަމަށެވެ.

އަދި އޭނާގެ ބަލި ހާލަތު ގޯސްވެގެން، ޑޮކްޓަރުން އިތުރަށް ބެލުމަށް، ޓްރީޓޮޕް ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އޭނާ ކޮވިޑް19 އަށް ޓެސްޓުކުރުމުން ފުރަތަމަ ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ދެވަނަ ސާމްޕަލްގެ ނަތީޖާ ލިބެންދެން، އޭނާގެ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަ ކުރެވުނު މީހުން އެކަހެރިކޮށްފައިވާ ކަމަށެވެ.

އެމީހާގެ ގައިން ބަލީގެ އަލާމާތްތައް ފެނުމާ ގުޅިގެން އެ ރިސޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

މީގެ ކުރިން ވެސް އެ ރިސޯޓުގައި ހުރި ބިދޭސީއަކަށް ޝައްކު ކުރެވިގެން ވަނީ ޓެސްޓުކޮށްފައެވެ. އެމީހާގެ ނަތީޖާ ވަނީ ކޮވިޑް19 އަށް ނެގެޓިވް ވެފައެވެ.

ކޮއްދިއްޕަރުގެ އިތުރުން މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓުގެ އިތުރުން މޯލްޑިވިއާނާ ސަފާރީއެވެ.

އައިލެންޑް ސަފާރީ އާއި ސެވަން ކޮރަލްސް މާފުށި މިހާރު ވަނީ މޮނިޓަރިންގެ ހާލަތިން އާންމު ހާލަތަށް ގެންގޮސްފައެވެ.

މިހާތަނަށް ރާއްޖެއިން 20 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ފަސް ދިވެހިން ހިމެނެއެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން، ދިވެއްސަކު ވެސް ހިމެނޭގޮތުން 14 މީހަކު މިހާރު ބަލިން ރަނގަޅުވެފައި ވާކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ ހަތަރު މީހަކަށެވެ.