ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭން ބޭރުން 70 ވެންޓިލޭޓަރު ގެންނަން ބަޔަކާ ހަވާލުކުރީ ބިޑު އުސޫލުން ނޫން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަމާޒަކީ 200 ވެންޓިލޭޓަރުގެ ސެޓަޕެއް ރާއްޖޭގައި ގާއިމުކުރުން ކަމަށާއި މިހާރުވެސް ރާއްޖެއިން ބޭރުން 70 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެތަކެތި ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ސަރުކާރުން އަމަލުކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

"ހަތަރު ޕޯޓަބަލް ވެންޓިލޭޓަރެއް ގެނައުމަށް ހުޅުވާލެވުނު ޓެންޑަރިން ބިޑެއްގެ ތެރެއިން 16 ފަރާތެއް މިކަމުގައި ބައިވެރިވީ، ހަތަރު ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅީ. އޭގެ ތެރެއިން އެއް ފަރާތަކާ ހަވާލުކުރީ. 135 ވެންޓިލޭޓަރަކާ 10 ޕޯޓަބަލް ވެންޓިލޭޓަރު ގަންނަން ބޭނުންވާ ކަމަށް އެދި ސަރުކާރުން ހުޅުވާލި ހުޅުވާލުމުގައި އެއް ކުންފުނިން 50 ވެންޓިލޭޓަރު ގެނެވޭނެ ކަމަށް، އަނެއް ކުންފުނިން 20 އައިސީޔޫ ވެންޓިލޭޓަރު ގެނެވޭނެ ކަމަށް، އެފަރާތްތަކާ އެގްރިމަންޓް ހެދުނީ. ހަމަ ހުޅުވާލެވިގެން. އިތުރު 65 ވެންޓިލޭޓަރަކާ 10 ޓްރާންސްޕޯޓު ވެންޓިލޭޓަރެއް ގެނައުމަށް ވެސް ހަވާލު ކުރެވުނީ އާންމުކޮށް ހުޅުވާލެވިގެން" މަބްރޫކް ވިދާޅުވި އެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު މަބްރޫކް ވިދާޅުވި ނަމަވެސް ބައްދަލުވުން ނިމުނު ފަހުން އެކަން އިތުރަށް ބެއްލެވުމަށްފަހު މަބްރޫކު ވިދާޅުވީ 70 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ އޯޕަން ޓެންޑަރިން އުސޫލުން ނޫން ކަމަށެވެ.

"50، 20 ވެންޓިލޭޓަރު އެއީ ސިންގަލް ސޯސް ޕްރޮކިއޮމަންޓު އުސޫލުން. ބިޑް ކޮށްގެނެއް ނޫން،" މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ރާއްޖެ ގެންނަން ނިންމާފައިވާ ގިނަ އަަދަދެއްގެ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ ގިނަ ސުވާލުތަކެއް ކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

ސުވާލުތައް ކުރުމަށް ހުށަހެޅީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް އެވެ. މި ސުވާލުތަކުގެ ޖަވާބު އަމީންގެ އަރިހުން ހޯއްދެވުމަށް އޭނާ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެން ހުށަހެޅުއްވީ މި މަހުގެ 9ވަނަ ދުވަހުގަ އެވެ.