13 Apr 2020, 09:39
ކަރަންޓީނުން ދޫކޮށްލާ މީހުންނަކީ ދަށު ދަރަޖައިގެ ބަޔަކަށް ނުހެދުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އާންމުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކަރަންޓީނުން ދޫކޮށްލާ މީހުންނާ މެދު ހިތާމަވެރި ގޮތްގޮތަށް ބައެއް މީހުން އަމަލުކުރަމުންދާ ކަމުގެ ވާހަކަތައް އަޑުއައްސަވާފައިވާ ކަމަށެވެ.
"ކަރަންޓީން ފެސިލިޓީއަކުން މީހަކު އައުމަކީ ނުވަތަ ރިސޯޓަކުން ދޫކޮށްލެވޭ މީހަކު ރަށަށް ދިއުމަކީ އެހެން އެއްވެސް މީހެއްގެ ކިބައިގަ ނެތް ނުރައްކަލެއް އޭނާގެ ކިބައިގައި ހުންނަ ކަމެއް ނޫން. އެބަ އިވޭ ހިތާމަވެރި ވާހަކަތައް، ރަށް ރަށަށް އެމީހުން ނާރުވައި، މީހުން އެމީހުންނަކީ ބަލި ބައެއް ކަމަށް ބަލައިގެން، ދިމާވާން ބޭނުން ނުވާ، ފެންނަން ބޭނުންނުވާ ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި އެމީހުންނާ ދޭތެރޭ ކަންތައް ކުރާ ކަމުގެ ވާހަކަ." މަބްރޫކް ވިދާޅުވި އެވެ.
ނަމަވެސް އެމީހުންނާ މެދު އެގޮތަށް އަމަލު ނުކުރުމަށާއި އެމީހުންނަށް ވެސް ކުލުނާއި އަޅާލުން ދިނުމަށް މަބްރޫކް އާންމުންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑު ހިތުން މިކަހަލަ ނުރައްކާތެރި ވަގުތެއްގައި އަޅުގަނޑުމެންނަށް އެނގޭނީ އަޅުގަނޑުމެންގެ އަސްލު ގޮތް، މުޖުތަމައެއްގެ ގޮތުގައި އަސްލު ސިފަ... ސަމާލުވުމަކީ އެހެން ކަމެއް، ރައްކާތެރިވުމަކީ ދެވަނަ ކަމެއް. އެހެން ނަމަވެސް އެމީހާއަކީ [ކަރަންޓީނުން ދޫކޮށްލާ މީހާއަކީ] އެހެން މީހަކަށް ވުރެ ދަށު ދަރަޖައިގެ މީހަކަށް ނުހެދުމަކީ ވަރަށް މުހިންމު ކަމެއް." މަބްރޫކް ވިދާޅުވި އެވެ.
މީގެ އިތުރުން ކަރަންޓީނުން ދޫކޮށްލާ މީހުން ވެސް ގެއިން ބޭރަށް ދިއުން ފަދަ ކަންކަން ނުކުރުމަށާއި އެހެން މީހުންނެކޭ ވެސް އެއްފަދައިން މި ބަލި ޖެހުމުގެ ފުރުސަތު އެ މީހުންނަށް ވެސް އޮންނާނެ ކަމަށް މަބްރޫކް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑަށް އެނގޭ އެތައް ދުވަހަކު އާއިލާއާ ދުރުގައި ތިބެފައި އެ އާދެވެނީ އެ ބޭފުޅެއްގެ ރަށަށް. ވަރަށް ބޮޑަށް ބޭނުންވާނެ ރައްޓެހިންނާއި ތިމާގެ މީހުންނާ ދިމާވެލަން، އަދި ރާއްޖޭން ބޭރުގައި ތިބެފައި އަންނަ މީހުން ދަންނަ އެންމެންނާ ދިމާވެލަން. އެ އެންމެން ވެސް ދަންނަންވީ ކަމަކީ އެހެން މީހަކަށް ވުރެ ބޮޑަށް އެމީހުންނަށް މި ބަލީގެ ރައްކާތެރިކަން އޮތީކީ ނޫން، ދޫކޮށްލީމަ. ހަމަ އެހެން ކޮންމެ މީހެކޭ ވެސް އެއްފަދައިން މި ބަލި ޖެހުމުގެ ފުރުސަތު އެމީހުންނަށް ވެސް އެބައޮވޭ... ގައިދުރު ކުރުން، އަތް ދޮވުން މި ހުރިހާ ކަމެއް އެމީހުން ވެސް ކުރަން އެބަޖެހޭ." މަބްރޫކް ވިދާޅުވި އެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ ކަރަންޓީން ފެސިލިޓީތަކުންނާއި ރިސޯޓު އަދި ސަފާރީތަކުން ދޫކޮށްލި މީހުން ނަންބަރުތައް ހިއްސާކުރައްވާފަ އެވެ.
އެގޮތުން ރިސޯޓުތަކާއި ސަފާރީތަކުން މިހާތަނަށް 9663 މީހުން ދޫކޮށްލާފައިވާ އިރު ކަރަންޓީން ފެސިލިޓީތަކުން 800 އަށް ވުރެ ގިނަ މީހުން ވަނީ ދޫކޮށްލައިފަ އެވެ.