17 Dec 2011, 19:04
ގދ. ތިނަދޫގައި ބިދޭސީއަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ.
ދަން ޖެހުނު ބިދޭސީ މީހާއަކީ ތިނަދޫ ސްވިޕްޓް އިންޖިނިއަރިންގައި މަސައްކަތް ކުރާ އިންޑިއާ މީހެކެވެ.
ސަން އޮންލައިން ޕާޓާނާޝިޕް ނޫހެއް ކަމަށްވާ ހުވަދޫ އޮންލައިންގެ މުހައްމަދު އަހުތަރު ބުނީ އިންޑިޔާގެ އެމީހާ ދަންޖެހި މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ކަމަށެވެ. އަދި ބުނީ އެމީހާ ފެނުނީ މިއަދު ހަވީރު 5:45 އެހާކަން ހާއިރު ކަމަށާއި ދަންޖެހިފައި ހުއްޓާ ފެނުނީ އެމީހާ އުޅުނު ކޮޓަރީގައި ކައްކާއަކަށް އުޅުނު ބިދޭސީއަކަށް ކަމަށެވެ.
އެ ކޮޓަރިއަކީ ދަންޖެހުނު މީހާއާއެކު ހަ ބިދޭސީއަކު އުޅޭ ކޮޓަރިއެކެވެ.
"އެ މީހާ ދިރިއުޅޭ ކޮޓަރިއަކީ ޖުމްލަ ހަ މީހުން ދިރިއުޅޭ ކޮޓަރިއެއް. އެވަގުތު އެ ކޮޓަރީގައި ތިބީ ކައްކާ އާއި ބިދޭސީ މީހާ އާއި ދެ މީހުން. ކާ ބައިގައި ހުރެފައި ކައްކާ ނުކުތް ވަގުތު ފެނުނީ ދަންޖެހިފައި ހުއްޓާ. ދެން އޭނާ ފުލުހުންނަށް ރިޕޯޓު ކުރީ. އެކަން ހިނގާފައި ވަނީ މިއަދު ހަވީރު 5:45 ގައި،" އަހުތަރު ބުންޏެވެ.
ތިނަދޫ ރީޖިނަލް ހޮސްޕިޓަލްގެ މެނޭޖާ ޖީޒާ ހަސަން ވިދާޅުވީ ދަންޖެހިގެން މަރުވި ބިދޭސީ މީހާ އޮތީ ހޮސްޕިޓަލުގައި ކަމަށާއި ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުނަށް އެ މައްސަލަ ހުށަހެޅިފައިވާ ކަމަށާއި މިހާރު އެކަން ހިނގައި ދިޔަގޮތް ބަލަމުން އަންނަކަމަށެވެ.
ސްވިފްޓް އިންޖިނިއަރިން އަކީ ސީއެޗްއެސްސީގެ ޕީޓީއޭގެ ނައިބު ރައީސް ސައުދުﷲ ގެ ކުންފުންޏެކެވެ. މި ކުންފުންޏަށް ވަނީ އިމާރާތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ލިބިފައެވެ.