މާލޭ ސިޓީގައި އިއުލާންކުރި ކާފިއު އުވާލީ، އެނޫން ވަގުތުތަކުގައި ފިހާރަތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނުގައި މީހުން އެއްވެ، ތޮއްޖެހުން އިތުރުވުމުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ އެކު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މާލޭ ސިޓީގައި ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު އިއުލާން ކުރަން ފެށީ މިމަހުގެ ދެވަނަ ދުވަހުގަ އެވެ.

ކާފިއު ހިންގިއިރު ކާފިއު ވަގުތުގައި ބޭރަށް ނިކުމުގެން 1،138 ފަހަރަށް ފުލުހުން ވަނީ އެކި މީހުންނަށް ނަސޭހަތް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، 954 ދިވެހިންނާއި 184 ބިދޭސީންނެވެ. އެމީހުންގެ ތެރޭގައި ތަކުރާރުކޮށް ނަސޭހަތްދިން މީހުން ވެސް ހިމެނެ އެެވެ. އަދި ކާފިއު ވަގުތުގައި ބޭރަށް ނުކުމެގެން ޖޫރިމަނާކޮށްފައި ވަނީ ދެމީހުންނެވެ. ޖޫރިމަނާގެ އަދަދަކީ، 1،000 ރުފިޔާ އެވެ.

ކާފިއު އުވާލީ މި މަހުގެ ހައެއް ވީ ބުރާސްފަތި ދުވަހު އެވެ. ކާފިއު އުވާލި ނަމަވެސް، ހުރިހާ ވަގުތުތަކުގައި ވެސް މާލެ ސިޓީގައި ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން އޮތީ މަނާކޮށްފަ އެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކާފިއު އުވާލީ، އެއީ މިވަގުތަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ފެންނާތީ ކަމަށެވެ.

"ކާފިއުގެ ގަޑިއެއް ވަކި ގަޑިއަކަށް ކަނޑައެޅީމަ، އެނޫން ގަޑިތަކުގައި މީހުން ފިހާރަތަކަށް ތޮއްޖެހޭ ވަރާއި، ރެސްޓޯރަންޓުތަކަށް ތޮއްޖެހޭ ވަރާ އިތުރުވޭ. އެކަމަކު މިވަގުތު މިކަމާ ގުޅިގެން ނަގަން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ ކާފިއުގެ ގަޑި އެގޮތަށް ނުބާއްވާ އެހެން ނަމަވެސް ހުއްޓުވަން ކުޑަކުރުމަށް މަސައްކަތް ކުރުން ކަމަށް ފެންނާތީ އެކަން ކުރެވުނީ. އެއްވެސް ހާލެއްގައި މި ބަލީގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ކުޑަވެގެނެއް ނޫން،" މަބްރޫކް ވިދާޅުވި އެވެ.

ދުނިޔޭގައި މިހާތަނަށް 1,827,147 މީހަކަށް ބަލި ޖެހި 112,410 މީހަކު ބަލީގައި މަރުވެފައިވާކަން ފާހަގަ ކުރައްވައި، މަބްރޫކް ވިދާޅުވީ މި ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށެވެ. އަދި މި ބަލި ދުނިޔޭގައި އެތައް މަހެއް ވަންދެން އުޅޭނެ ކަމަށް މާހިރުން ލަފާކުރާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

އެހެންކަމުން އާ ގޮތަކަށް ދިރިއުޅުމަށާއި، އާ ކަންތައްތަކަކަށް ސަމާލުވެގެން ކޮންމެ ދުވަހަކު އުޅުމަށް ދިވެހިން އާދަވާން ޖެހޭ ކަމަށް މަބްރޫކް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.