ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސް އެއް ފެނުނު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތިބި ހުރިހާ މުވައްޒަފުނާއި މީހުން ރިސޯޓުން ފޭބުމުގެ ހުއްދަ ދިނުމުގެ ކުރިން ހުރިހާ އެންމެން އެ ބައްޔަށް ޓެސްޓު ކުރަން ނިންމައިފިއެވެ.

ރިސޯޓުތަކުގައި ތިބި މުވައްޒަފުންނާއި ސަފާރީތަކުގައި ތިބި މުވައްޒަފުން އެތަންތަނުން ފޭބުމުގައި ލުއިތަކެއް ސަރުކާރުން ވަނީ ދީފައެވެ.

އެންމެ ފުރަތަމަ ބަލި ފެނުނު ކުރެއްދޫ ރިސޯޓުގެ މުވައްޒަފުން އެ ރިސޯޓުގައި ތިބޭތާ މިއަދަށް 28 ދުވަސް ފުރިހަމަވެފައި ވީނަމަވެސް، އެމީހުންނަށް ރިސޯޓުން ނުފޭބޭތީ ޝަކުވާތައް ވަނީ ގިނަވެފައެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކުރެއްދޫގައި ތިބި މީހުންނާ މެދު އަމަލުކުރާނެ ގޮތެއް ޓެގް ޓީމުން މިއަދު ނިންމާފައިވާ ކަމަށެވެ.

"ޓެގް ގެ މިހާރުގެ ނިންމުމަމީ ކުރެއްދޫގައި ތިބި އެންމެން ކޮވިޑަށް ޓެސްޓުކޮށްފަ ދޫކޮށްލާ ގޮތަށް. ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން،" މަބްރޫކް ވިދާޅުވިއެވެ.

ކުރެއްދޫ އަކީ އިމްޕޯޓް ކޭސް އަކުން ލޯކަލް ޓްރާންސްމިޝަން އަކަށް ދިޔަ ހަމައެކަނި ރަށް ކަން ފާހަގަ ކުރައްވައި މަބްރޫކް ވިދާޅުވީ، ކުރެއްދޫ ރިސޯޓާއި އެހެން ރިސޯޓުތައް ތަފާތު ވާނެ ކަމަށެވެ.

އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި ބުނެފައިވަނީ ރިސޯޓު ނުވަތަ ސަފާރީ އިން ބައްޔަށް މީހަކު ޕޮޒިޓިވްވެ، އޭނާގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހިފައިވާނަމަ 28 ދުވަސް ފުރިހަމަވެ، އެ މުއްދަތުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެނިފައި ނުވާނަމަ އަދި 14 ދުވަސް ފުރިހަމަވެއްޖެ ނަމަ ރިސޯޓުން އެގްޒިޓް ފޯމު ހުށަހެޅުމުން ރިސޯޓުން ފޭބުމުގެ ހުއްދަ ދޭނެ ކަމަށެވެ.

މިފަދަ ހާލަތުގައި ރިސޯޓު އަދި ސަފާރީގައި ތިބި މީހުން ކޮވިޑަށް ޓެސްޓުކޮށް ޕޮޒިޓިވް ވެފައިވާ މީހަކު ހުރެގެން ނުވާނެއެވެ.

އެ އުސޫލުގައި ބުނެފައި ވަނީ ރިސޯޓުގައި ހުރި އެންމެ ފަހު ފަތުރުވެރިޔާ ރިސޯޓުން ފުރިތާ ނުވަތަ ރިސޯޓަށް އައިތާ، 14 ދުވަސް ވެފައިވާނަމަ، އަދި އެ މުއްދަތުގައި ރިސޯޓުގައި ތިބި އެއްވެސް މުވައްޒަފެއްގެ ފަރާތުން ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަމަ، އެކަން ކަށަވަރުކޮށް ރިސޯޓު މެނޭޖުމެންޓުން އެކަން ކަށަވަރުކޮށް އެޗްޕީއޭ އަށް ފޯމު ހުށަހެޅުމުން ރިސޯޓުން ފޭބުމުގެ ހުއްދަ ދޭނެ ކަމަށެވެ.

މީގެ އިތުރުން ރިސޯޓު ނުވަތަ ސަފާރީ މޮނީޓަރިން އަށް ލެވުނު ނަމަވެސް އެތަނުން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު 14 ދުވަސް ތެރޭ ފެނިފައިނުވާ ނަމަ، އަދި ބަލީގެ އަލާމާތެއް ހުރި މީހަކު ފެނިފައި ނުވާނަމަ ރިސޯތުގެ ފަރާތުން އެޗްޕީއޭ އަށް ފޮނުވަންޖެހޭ ފޯމު ފޮނުވުމުން ހުއްދަ ދޭނެ އެވެ.

އެޗްޕީއޭ އިން ބުނީ ޕޮޒިޓިވް ވެފައިވާ މީހަކު ފެނުނުތާ 14 ދުވަސް ވެފައިވާނަމަ، ބަލީގެ އަލާމާތްތައް ހުރި މީހަކު އެންމެ ފަހުން ފެނުނުތާ 14 ދުވަސް ފުރިހަމަވުމާއި ރިސޯޓުން ނުވަތަ ސަފާރީ އިން މީހުން ފައިބާއިރު ބަލީގެ އަލާމާތެއް ހުރި މީހަކު ނެތި، އެގްޒިޓް ފޯމު ފުރިހަމަ ކުރުމުންވެސް ރިސޯޓުން ފޭބުމުގެ ހުއްދަ ދޭނެ ކަމަށެވެ.