ކޮވިޑް-19 ގެ ބިރު އޮތުމުން ރައްޔިތުންގެ މަޖިލިސް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް މި ހަފްތާގައި މަޖިލިސް ކުރިއަށް ނުގެންދަން ނިންމައި އަންނަ ހަފްތާގައި މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ފަށައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން މަޖިލިސް ހުއްޓިފައި އޮތުމަށްފަހު އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ފެށީ މިދިޔަ މަހުގެ 31 ގައެވެ. ކޮމެޓީތައް ވެސް ކުރިއަށް ގެންދިޔައީ މެންބަރުން ގޭގައި ތިއްބަވައިގެން ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު 'ސަން' އަށް ވިދާޅުވީ، އޮންލަައިންކޮށް މަޖިލިސްތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ހަފްތާގައި މަޖިލިސް ޖަލްސާ ނޯންނާނެ ކަމަށެވެ. އަދި އަންނަ ހަފްތާގައި މަޖިލިސް ކުރާ ގޭގައި މެންބަރުން ތިބެގެން ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް ނިންމައި އެކަމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.

މާދަމާގެ މަޖިލީހުގެ އެޖެންޑާ، އެ އިދާރާގެ ވެބްސައިިޓުގައި އާންމުކޮށްފައި އޮތް ނަމަވެސް މާދަމާ ޖަލްސާ ނޯންނާނެ ކަމަށް ޒިޔާއު ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ތަޅުމުގައި އެންމެ ފަހުން ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ޖަލްސާގައި ވަނީ އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މެމްބަރުންނާއެކު މަޝްވަރާކުރައްވައިފައެވެ.