ބޭރު ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހީން ގެނައުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގައި ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ޓިކެޓް ދިނުމަކީ ހަޑި މުޑުދާރު އަމަލެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ގައުމުތައް ލޮކްޑައުންގައި އޮތުމުން އެ ގައުމުގައި ތިބި ދިވެހީން ގެނައުމަށް ސަރުކާރުން ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހާއްސަ ފްލައިޓުތަކެއް ބާއްވަމުންނެވެ. އެ ފްލައިޓްތަކުން ބައެއް މީހުންނަށް އިންސާފުން ބޭރުން ޓިކެޓް ދެމުންދާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ޓިކެޓްތައް ދޫކުރަން ވާނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށާއި ނަމަވެސް ނުފޫޒުން ބޭރުން ވަކި މީހަކަށް ޓިކެޓް ދޭން އުޅުމަކީ މިފަދަ ދަނޑިވަޅެއްގައި ކުރާނެ ހަޑި ހުތުރު އަމަލެއް ކަމަށެވެ.

"އެއީ ސަރުކާރުގެ ތެރެއިން އޮތް ނުފޫޒެއްވިޔަސް އަމިއްލަ ވިޔަފާރީއެއްގެ ކުރައްވާ ބޭފުޅެއްގެ އަތުގައި އޮތް ނުފޫޒެއްވިޔަސް، ނުފޫޒެއް ބޭނުންކޮށްގެން މިވަގުތު މިކަހަލަ ހައްސާސް ވަގުތެއްގައި ވަކި ގޮތަކަށް ތިމާ ދަންނަ ވަކި މީހަކަށް ޓިކެޓް ހޯދަން އުޅުމަކީ މުޑުދާރު ހަޑި އަމަލެއް،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މިހާތަނަށް އެކި ގައުމުތަކުން 900 އެއްހާ ދިވެހިން ރާއްޖެ ގެނެސްފައިވާ ކަމަށާއި އެކަމުގައު ނޫފޫޒުން ކަމެއް ކޮށްފައި އޮތް ނަމަ އެކަންކަން ބަލަން ހުރި އިދާރާތައް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އެގޮތަށް މައްސަލަ ހުށަހެޅުމުން އެކަން ބަލާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"އެއީ އެއްގޮތަަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެހެން ކުރެވިދާނެ ކަމަށް. މިކަމާ ބެހޭ މައްސަލަތައް ތިބޭފުޅުންވެސް ހުށަހަޅުއްވަންވީ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކަށް، ސައްހަ މައުލޫމާތު ހޯދައިފައި. ސަރުކާރުން މަރުހަބާ ކިޔާނެ އެކަމަށް،" މަބްރޫކު ވިދާޅުވިއެވެ.

މަލޭޝިއާއިން މިދިޔަ ހަފްތާގައި އައި ފްލައިޓުގައި ސަރުކާރުގެ އިސްފަރާތްތަކާއި ބައެއް މަޖިލިސް މެމްބަރުންގެ އާއިލީ ބޭފުޅުންނާއި ގާތް ބޭފުޅުންނަށް ނުފޫޒުން ޓިކެޓް ދީފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރުމުންނެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ، ޓިކެޓް ދިނުމުގައި އެންމެ އިންސާފުވެރި ގޮތަކީ ކޮބާކަން ބަލަމުންދާ ކަމަށެވެ. އަދިވެސް އިތުރަށް ފްލައިޓުތަކެއް ބޭއްވުމަށް ނިންމާފައިވާއިރު، މިހާތަނަށް އައި އިރު އެ އުސޫލު ހާމަކޮށްފައިނުވެއެވެ.

މޯލްޑިވިއަން އިން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ، ޓިކެޓް ދިނުމުގައި އަމަލު ކުރަނީ ސަރުކާރުން ދީފައިވާ އުސޫލަށް ކަމަށާއި ޓިކެޓް ދޭނީ ކޮން ބަޔަކަށް ކަން އެ ކުންފުނިން ކަނޑަނާޅާ ކަމަށެވެ.