ރާއްޖެއިން ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 ޖެހުނު ދިވެއްސަކު ބަލިން މުޅިން ރަނގަޅުވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ ބަލިން ރަނގަޅުވެފައި ވަނީ، ބައްޔަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި ދިވެހީންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ މިހާރު އޭނާ ފަހުން ބައްޔަށް ޓެސްޓު ކުރުމުން، ދެ ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެހިންގެ ތެރެއިން އެކަކު ނެގެޓިވްވެ، އޭނާގެ ދެ ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް ވުމާގުޅިގެން އޭނާ ކޮވިޑް19 އިން ރަނގަޅުވެފައިވާކަމަށް މިހާރު ނިންމިފައި ވަނީ،" ޑރ. މުރާދު ވިދާޅުވިއެވެ.

މިހާތަނަށް ޖުމްލަ ފަސް ދިވެއްސަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޔޫކޭއިން އެނބުރި އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން އައި ދިވެއްސެކެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު މުއްދަތު ފުރިހަމަކުރުމުން ކަރަންޓީނުން ދޫކޮށްލަނީ ކޮރޯނާ އަށް ޓެސްޓު ކުރުމަށްފަހު ނެގެޓިވް ވެއްޖެނަމަ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. މިހާތަނަށް ޖުމްލަ 20 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، މިއަދު ޕޮޒިޓިވް ވި މީހާއާއެކު ރާއްޖޭގައި މިވަގުތު ބައްޔަށް ފަރުވާދެމުންދާނީ ފަސް މީހަކަށެވެ. ދެ މީހަކު ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު 13 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮރޯނާ އާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ މިމަހުގެ ނިޔަލަށް އިއުލާނު ކޮށްފައިވާއިރު، ރާއްޖެއިން ބޭރުން އަންނަ މީހުުންނަށް އޮން އެރައިވަލް ވިސާ ދިނުންވެސް ވަނީ ހުއްޓާލައިފަ އެވެ. އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރުމަށް މާލޭގެ ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިން އިންގެ ހިދުމަތް ދިނުން މެދުކަނޑާލާ، ޕާކުތަކާއި މައިޒާންތައް ބަންދުުކޮށްފައިވާއިރު ސަރުކާރު އޮފީސްތަކާއި ކިޔަވައިދޭ މަރުކަޒުތައްވެސް ވަނީ ބަންދުކޮށްފަ އެވެ.