ފަރުކޮޅުފުށި އަދި ހުޅުލެ އައިލެންޑް ހޮޓެލްގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީތައް ކޮވިޑް19 އާ ގުޅިގެން އިތުރަށް ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރަށް އޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން ވަނީ ފަރުކޮޅުފުށި އަދި ހުޅުލެ އައިލެންޑް ހޮޓެލްގައި ގާއިމުކޮށްފައިވާ ކަރަންޓީނު/ އައިސޮލޭޝަން މަރުކަޒުތަކުގައި އަލުން މީހުން ބޭތިއްބުމުގެ ކުރިން އެ ތަންތަނުގެ ހާލަތު ބެލުމަށް އެ މަރުކަޒުތަކަށް އިއްޔެ ޒިޔާރަތްކޮށްފަ އެވެ.

އެ ޒިޔާރަތަށް ފަހު އެޗްއާރްސީއެމް އިން ބުނީ އެ މަރުކަޒުތަކުގެ އިންތިޒާމް ހަމަޖައްސާފައިވާ ގޮތަށް ބެލުމުން، ކޮވިޑް19 އާ ގުޅިގެން އިތުރަށް ކުރިމަތިވެދާނެ ހާލަތަކަށް މި މަރުކަޒުތައް ތައްޔާރުވެފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

އެގޮތުން އެ މަރުކަޒުތަކުގައި ބައިތިއްބާ ފަރާތްތަކަށް ސިއްހީ ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ އާލާތްތަކާ، އެފަދަ މަރުކަޒެއްގައި ފޯރުކޮށްދޭން ޖެހޭ ޒަރޫރީ ކަންކަން ހަމަޖެއްސުމުގެ އިންތިޒާމްތަކާ އަދި އެ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

މީގެ އިތުރުން، އެ މަރުކަޒުތަކުގައި ހިދުމަތް ދިނުމުގެ މަސައްކަތަކުގައި ޝާމިލްވާ މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާ އެކު އެފަރާތްތަކުގެ ރައްކާތެރިކަމާ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ޓަކައި އެދެވޭ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އެޗްއާރްސީއެމް އިން ބުނީ މިހާރު މީހުން ބައިތިއްބާފައި ތިބި ކަރަންޓީނު ފެސިލިޓީތަކަށް ޒިޔާރަތް ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށާއި ނަމަވެސް، ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް އެ ތަންތަން މޮނީޓާކުރަމުން ގެންދާނެ ކަމަށެވެ.