ރިޔާޒް (12 އެޕްރީލް 2020): ކޮރޯނާ ވައިރަސް "ކޮވިޑް-19" ސައޫދީގައިވެސް ފެތުރެމުންދާތީއާއި އޭގެ ނުރައްކާ ކުޑަވާނެ ދުވަހެއް އަދި ލަފާކުރަންވެސް ނޭނގޭތީ ކުރިއަށް އޮތް ރަމަޟާން މަހު ސައޫދީގައި ތަރާވީޙު ނަމާދު ކުރާނީ ގޭގޭގައި ކަމަށް އެގައުމުގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޝައިޚް ޑރ. އަބްދުއްލަތީފް އާލުއްޝައިޚް ވިދާޅުވެއްޖެއެވެ.

ޑރ. އާލުއްޝައިޚް އާ ހަވާލާދީ ސައޫދީ ނޫހެއްކަމަށްވާ އައްރިޔާޒް ބުނާގޮތުން ތަރާވީޙު ނަމާދު މިސްކިތްތަކުގައި ކުރެވޭނީ ކޮވިޑް-19 ގެ ނުރައްކާ ފިލައިގެން ދިޔުމަށްފަހު ގަވެ. "ކޮވިޑް- 19 ގެ ބަލިމަޑުކަން ފިލައިގެން ދަންދެން ސައޫދީ މިސްކިތްތަކުގައި ޖަމާއަތުގައި އެއްވެސް ނަމާދެއް ނުކުރާނެ" ކަމަށް ޑރ. އާލުއްޝައިޚް އާ ހަވާލާދީ އައްރިޔާޒް ނޫސް ބުނެއެވެ.

ސަޢުދީގައި ކޮވިޑް- 19 ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެ ރޯގާ ކޮންޓްރޯލް ކުރުމަށް ސައޫދީ ސަރުކާރުން މީގެކުރިން އިއުލާންކޮށްފައިވާ ކާފިއު ވަކި މުއްދަތުނެތި އިތުރު ކުރުމަށް އެގައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު މިދިޔަ ހުކުރުދުވަހުވަނީ އަމުރުކުރައްވާފައެވެ.

ކޮވިޑް- 19 އާ ގުޅިގެން ސައުދީގައި އެންމެ ފުރަތަމަ ކާފިއު އިއުލާނުކުރީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ 21 ދުވަހުގެ މުއްދަތަށެވެ. އެމުއްދަތުގައިވެސް ކޮވިޑް- 19 ފެތުރޭ މިންވަރު ސަޢޫދީގައި މަދުވުމުގެ ބަދަލުގައި ދިޔައީ އިތުރުވަމުންނެވެ. ސައޫދީގައި މިހާރު 4462 މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވް ވެފައިވާއިރު 59 މީހުން އެ ރޯގާގައި މަރުވެފައިވެއެވެ.

ކޮވިޑް- 19 ވައިރަސް ސައުދީ ޝާހީ ގަނޑުވަރުތަކަށްވެސް ވަދެފައިވާއިރު އެ ރޯގާގެ ޝިކާރައަކަށް ޝާހީ އާއިލާގެ 150 ބޭފުޅުންނާއި ސައޫދީ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިން ވެފައިވާކަމަށާ އޭގެތެރެއިން ބައެއް ބޭފުޅުންނަށް ރިޔާޒްގައި ހުންނަ ކިންގް ފައިސަލް ހޮސްޕިޓަލުގެ އައިސީޔޫ ގައި ފަރުވާ ދެމުން ގެންދާކަމުގެ ރިޕޯޓްތައް ފެތުރިފައިވެއެވެ.

ސައުދީ ޝާހީ އާއިލާގެ މެންބަރަކުވަނީ އެކަން ދޮގު ނުކުރައްވައި އެހެންމީހުންނަށް ކޮވިޑް- 19 ޖެހޭގޮތަށް ސައޫދީ ޝާހީ އާއިލާގެ ބޭފުޅުންނަށް އެރޯގާ ޖެހޭނެކަމާއި އެއީވެސް އިންސާނުންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ތަރާވީޙު ނަމާދު ގޭގައި ކުރުމާ ބެހޭގޮތުން ސައުދީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާނުންގެ ސިއްހަތަށް ކަމަށާއި މިދުވަސްވަރު ސިއްހަތަށް އެންމެ ރަނގަޅު ގޮތަކީ ގޭގައި ތިބެގެން ނަމާދު ކުރުމެވެ. މިސްކިތުގައި ނަމާދު ކުރިއަސް އަދި ގޭގައި ކުރިއަސް ނަމާދު ގަބާލުކުރައްވާތޯ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުޢާ ދަންނަވަންޖެހޭނެ ކަމަށް ޝައިޚް ޑރ. އަބްދުއްލަތީފް އާލުއްޝައިޚް ވިދާޅުވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައި މި ބަލިމަޑުކަމުން މުސްލިމުންނާ އަދި މުޅި އިންސާނިއްޔަތު ރައްކާތެރި ކޮށްދެއްވުން އެދިވެސް މުސްލިމުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ގިނަ ގިނައިން ދުޢާ ދަންނަވަންޖެހޭނެ ކަމަށް ޝައިޚް ޑރ. އާލުއްޝައިޚް ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސައުދީ ސަރުކާރުންވަނީ މައްކާއާއި މަދީނާގައިވާ މުސްލިމުންގެ ދެ ހަރަމްފުޅުގައިވެސް ޖަމާއަތުގެ ނަމާދު ކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ. އަދި މައްކާގެ ޙަރަމްފުޅުގައި ޢުމްރާކުރުންވެސް މެދުކަނޑާލައި އުމުރާގެ ވިސާ ދޫކުރުންވެސްވަނީ ހުއްޓާލާފައެވެ.

މީގެއިތުރުން ކުރިޔަށްއޮތް ރަމަޟާން މަހަށްވެސް ޢުމްރާ ވިސާ ދޫނުކުރުމަށް ހައްޖާއި އުމުރާގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާއިން ވަނީ ނިންމާފައެވެ. ކޮވިޑް-19 ގެ ވަބާ ގެ ކަންތައް މައިތިރިވޭތޯ ބެލުމަށްޓަކައި މިއަހަރުގެ ޙައްޖާގުޅޭ އެންމެހާ ކަންތައްތައްވެސް އަދި މަޑުޖައްސާލުމަށް ސައުދީ ސަރުކާރުންވަނީ މުސްލިމުންގެ ކިބައިން އެދިފައެވެ. (އައްރިޔާޒް ނޫސް)