17 Dec 2011, 18:25
ގާނޫނުލް އުގޫބާތުގައި ދީނީ ހައްދުތައް ގާއިމްކުރުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ ހުށަހެޅުންތަކާ މެދު މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ސަލަފު ޖަމިއްޔާއަށް ދައުވަތު އަރުވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސަލަފާ އެކު ބައްދަލުވުމެއް ބާއްވަން ނިންމަވައި އެ ޖަމިއްޔާއަށް ރައީސް ދައުވަތު އެރުއްވެވީ އިއްޔެ ދެއްވެވި ރޭޑިއޯ ޚިތޯބުގައި އެމަނިކުފާނު ފާހަގަ ކުރެއްވެވި ގޮތަށް ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި ދީނީ ޙައްދުތައް ޤާއިމުކުރުމާ ގުޅޭ ގޮތުންނާއި އެނޫން ވެސް ދީނީ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.
އަދި ބުނީ ރައީސް ބޭނުންފުޅުވެވަޑައިގަންނަވަނީ އެ ބައްދަލުވުން ރައީސް އޮފީހުގައި މިރޭ ބޭއްވުމަށް ކަމަށާއި އެކަން ސަލަފުގެ ރައީސަށް މިއަދު އަންގަވާފައިވާނެ ކަމަށެވެ.
ޕްރެސް ސްކެރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ސަލަފަށް ދެއްވި ދައުވަތަށް އަދި އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށާއި ރައީސް އިންތިޒާރު ކުރައް ވަނީ ސަލަފުގެ ޖަވާބަކަށް ކަމަށެވެ.
"ރައީސް އިންތިޒާރު ކުރައް ވަނީ އެ ޖަމިއްޔާގެ އިޝާރާތާކަށް. އެބޭފުޅުން ޖަވާބު ދެއްވީމާ ރައީސް އެކަން ކުރިޔަށް ގެންދަވާނެ،" ޒުހައިރު ވިދާޅުވި އެވެ.
ސަލަފްގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބުރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެފަދަ ދައުވާތެއް އެ ޖަމިއްޔާ އަށް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
"ހަމަ އެކަނި މިހެން ބުނި ކަމަށް ޖައްސަވާ،" އަބްދުﷲ ބިން މުހައްމަދު އިބުރާހީމް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މިއަދު ހަވީރު މީހަކު ފޯނު ކުރެއްވި ކަމަށާއި ނަމަވެސް ސަލަފަކީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާއަކަށްވާތީ އެފަދަ ކަމެއް އޮތް ނަމަ ސިޓީއެއް ފޮނުއްވުމަށް ދަންނަވާފައިވާނެ ކަމަށާއި އެއީއަކީ ޒިންމާދާރު ގޮތުގައި ކުރި ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވީ ސިޓީ ފޮނުވުމުގެ އިތުރުން ފޯނުން ވެސް ދަންނަވާފައިވާނެ ކަމަށާއި އެބޭފުޅުން އިންކާރު ކުރައްވަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"އެގޮތަށް ހަމަޖެއްސުމަށް ފަހު އަޅުގަނޑުމެން މިތިބީ އޮފީސް ހުޅުވައި ރެޑީވެގެން. ދެންް އެވެދާނެ، އެބޭފުޅުން އެއްޗެއް ވިދާޅުވާން ވެސް ފޮޓޯއެއް ނަގަން ވެސް ބޭނުން ފުޅު ނުވަނީ ކަމަށް ބައްދަލުވުމުގެ ކުރިން،" ޒުހައިރު ވިދާޅުވި އެވެ.