12 Apr 2020, 20:34
ކޮވިޑް-19 ބަލިމަޑުކަމުން މުޅި ދުނިޔެއާއި ރާއްޖެ ވެސް ބިރުވެރިކަމެއްގައިވާ މި ދަނޑިވަޅުގައި ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން އަތުވެދާނެ ހަމަލާ އަކަށް ދިފާއީ ބާރުތަކުން ތައްޔާރުގައި އޮތް ކަމަށް ބުނެފި އެވެ.
ފުލުހުންނާއި ސިފައިން އެކަން ހާމަކޮށްފައިވަނީ، މި ދަނޑިވަޅުގައި އެތެރެއިންނާއި ބޭރުން އަތުވެދާނެ ނުރައްކަލަކަށް ތައްޔާރުވެފައި އޮތީ ކިހާވަރަކަށްތޯ ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން އެދުމުން ދިން ޖަވާބުގަ އެވެ.
އެގޮތުން މި ދުވަސްވަރުގައި ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން ގެވެށި އަނިޔާއާ ހަރުކަށި ފިކުރުގެ ނުރައްކާ އިތުރު ވެދާނެ ކަމަށް ބަލައި އެކަމަށް ތައްޔާރުގައި ތިބިކަމަށް ފުލުހުންގެ ފަރާތުން ފޮނުވި ސޓީގައި ބުނެފައިވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވި އެވެ.
"މި ކަހަލަ ކަންކަމަށް ފުލުހުން ހާއްސަ އިޖުރާއަތްތަކެއް އެކުލަވާލާފައިވާ ވާހަކަ ވެސް ބުނެފައި އެބައޮތް އަދި ސިފައިންގޭގެ ޖަވާބުގައި އެބައޮތް އެކްސްޓްރީމިޒަމްގެ ތްރެޓަށް ވެސް އިތުރު އެލާޓްނަސްގައި ތިބި ވާހަކަ،" މަޖިލީހުގެ ނައިބް ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ އިވާ އަބްދުﷲ ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝާންތަކުން ކުރާ ބޮޑެތި ކުށްތަކުގެ ތަހުގީގު އޮތް މިންވަރެއް ސާފުކޮށްދެއްވަމުން ފުލުހުންނާއި ހަވާލާދީ އީވާ ވިދާޅުވީ، ސަރުކާރު ބަންދުވުމުން އެކޮމިޝަންތައް މި ވަގުތު ނުހިގާތީ އެ މައްސަލަތައް ހުއްޓިފައިވާ ކަމަށެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ޓުއަރިސްޓުން އައުން ބަންދުކޮށް ސަރުކާރު ވެސް ބަންދުކޮށްފައި އޮންނަތާ މިއީ ހަތަރުވަނަ ހަފްތާ އެވެ.