ލަންޑަން (12 އެޕްރީލް 2020): ދުނިޔޭގައި ކޮރޯނާ ވައިރަސް "ކޮވިޑް-19" ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ "ޑަބްލިއެއްޗްއޯ" އަށް މާލީ އިތުރުއެހީ ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ބައިނަލްއަގްވާމީ އެހީގެ ކަންތައްތަކާބެހޭ ވަޒީރާ އޭން މޭރީ ޓްރެވެލިޔަން ވިދާޅުވީ އިތުރުއެހީގެ ގޮތުގައި ޑަބްލިއެއްޗްއޯ އަށާއި އެނޫން ޖަމްއިއްޔާތަކަށް 200 މިލިޔަން ސްޓާލިންގް ޕައުންޑް ދޭން އިނގިރޭސި ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. މި 200 މިލިޔަން ޕައުންޑްގެ ތެރެއިން ބައެއް ޑަބްލިއެއްޗްއޯ އަށް ދިނުމަށްފަހު ދުނިޔޭގެ ކަންކޮޅުތަކުގައި އިންސާނީ އެހީދިނުމަށް މަސައްކަތްކުރާ ބައެއް ޚައިރާތު ޖަމްއިއްޔާތަކަށް (ޗެރިޓީ އޮގަނައިޒޭޝަންތަކަށް) ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭން މޭރީ ވިދާޅުވިއެވެ.

މި ފައިސާގެ ގެތެރެއިން ޚައިރާތު ޖަމްއިއްޔާތަކަށް އެކަށައެޅީ ކިހާމިންވަރެއްކަން އަދި ޑަބްލިއެއްޗްއޯ އަށް ދޭން ނިންމީ ކިހާވަރެއްކަން އެކަމަނާ ސާފުކޮށެއް ނުދެއްވައެވެ. ނަމަވެސް އިނގިރޭސި ސަރުކާރުން ނެރެފައިވާ ރަސްމީ ލިޔުމެއްގައި ކޮވިޑް-19 އާ ގުޅިގެން އދ. ގެ ޖަމްއިއްޔާ ތަކާއި އެޖެންސީތަކަށް އިތުރު އެހީގެ ގޮތުގައި 130 މިލިޔަން ސްޓާލިންގް ޕައުންޑް ދޭންނިންމާފައިވާކަމާއި އޭގެތެރެއިން 56 މިލިޔަން ޕައުންޑް ދޭނީ ޑަބްލިއެއްޗްއޯ އަށް ބުނެފައިވެއެވެ.

ޑަބްލިއެއްޗްއޯ އަށް މާލީ އިތުރު އެހީ ދޭން އިނގިރޭސިވިލާތުން ނިންމާފައި މިވަނީ އެމެރިކާއިން ޑަބްލިއެއްޗްއޯ އަށް ބިރުދައްކައި އެޖަމްއިއްޔާއަށް ދޭ އެހީކަނޑާލާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕްވަނީ ޑަބްލިއެއްޗްއޯ އަކީ ޗައިނާ ކޮޅަށްޖެހި އަދި ޗައިނާއަށް ފޭވާކުރާ ޖަމްއިއްޔާ އެއްކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަމާއި އޭގެ ހަގީގަތްތައް ފޮރުވަން ޗައިނާއާ ގުޅިގެން މަސައްކަތްކުރާކަމުގެ ތުހުމަތުވެސް ޓްރަމްޕް ވަނީ ޑަބްލިއެއްޗްއޯ ގެ މައްޗަށް ކުރައްވަފައިވެއެވެ.

އެކަމުގެ އެއްވެސް ހެއްކެތް ޓްރަމްޕަށް ދެއްކިފައިނުވާއިރު ޓްރަމްޕް ޑަބްލިއެއްޗްއޯ އަށް ފާޑުވިދާޅުވީ އެމެރިކާގައި ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމުގައި ޓްރަމްޕްގެ ސަރުކާރު ނާކާމިޔާބުވުމާއެކު އެމެރިކާއަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ކާރިސާގެ ޒިންމާއިން ރެކިވަޑައިގަތުމުގެ ސިޔާސީ ބޭނުމުގައި ކަމަށް އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރި ކޮންޓްރޯލް ކުރުމަށް ނުކުޅެދި އަދި އެރޯގާގައި އެންމެ ގިނަބަޔަކު މަރުވަމުންދަނީވެސް އެމެރިކާގައެވެ. މިކަމުގެ ސަބަބުން ޓްރަމްޕް ވަނީ އަމިއްލަ ގައުމުގައި "ހޫނުފެނަށް" ވެއްޓިފައެވެ.

ޑަބްލިއެއްޗްއޯ އަށް އެމެރިކާ ދޭ ފައިސާގެ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ނަމަވެސް އެހީ ކަނޑާލަން އަދި ނުނިންމާކަމާއި އެކަމާމެދު ހަމައެކަނި ވިސްނާ ކަމަށް ވިދާޅުވެ ތަންކޮޅެއް މައިތިރި ގޮތަކަށް ޓްރަމްޕް ވަނީ ފަހުން ބަޔާނެއް ދެއްވާފައެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ޑަބްލިއެއްޗްއޯ ގެ މައްޗަށް ޓްރަމްޕް ކުރެއްވި ތުހުމަތުތައް ލިސްޓުކުރުމަށްފަހު އެޖަމްއިއްޔާ ކުއްވެރިކޮށް ބަޔާނެއް ނެރެފައެވެ.

ރައްދުގައި ޑަބްލިއެއްޗްއޯ ގެ ޑައިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގަބްރެޔޭސުސް ވަނީ އެއްވެސް ފަރާތަކުން އެޖަމްއިއްޔާއާމެދު ސިޔާސީ ވިސްނުން ނުގެންގުޅުމަށް އިލްތިމާސް ކުރައްވައި ޓްރަމްޕްގެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އެމެރިކާއިން ޑަބްލިއެއްޗްއޯ އަށް 450 މިލިޔަން ޑޮލަރުގެ މާލީ އެހީއެއް ކޮންމެ އަހަރަކުވެއެވެ. މިހާ ބޮޑު އެހީއެއް އެމެރިކާއިން ދެނީ ޑަބްލިއެއްޗްއޯ އަށް ބާރާއި ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށާ ޓްރަމްޕް ކޯފާވީ އެމެރިކާ ބޭނުންވާ ބާރާއި ނުފޫޒު އެޖަމްއިއްޔާއަށް ނުހިންގޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑަބްލިއެއްޗްއޯ އަށް މާލީ އިތުރު އެހީ ދޭން އިނގިރޭސިވިލާތުން މިދަނޑިވަޅުގައި ނިންމި ނިންމުމަކީ އެމެރިކާއަށް ނުސީދާ ގޮތެއްގައި ދިން މެސެޖެއްކަމާއި އިނގިރޭސި ސަރުކާރުގެ އެއްމަގްސަދަކީ ޓްރަމްޕްގެ ތުހުމަތުތައް ބަލައިނުގަންނަކަން ނުސީދާ ގޮތެއްގައި ހާމަކުރުންކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ޓްރަމްޕް ޑަބްލިއެއްޗްއޯ އަށް ދެއްވި އިންޒާރަށް ދުނިޔޭގެ އެތަށް ގައުމުތަކުން ދެކޮޅު ހަދާފައިވާއިރު އދ. ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްޓެރެސް ވަނީ ޑަބްލިއެއްޗްއޯ ގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. (ނޫސްއެޖެންސީތައް)