12 Apr 2020, 19:56
ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ނާދެވި ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން ދެގައުމުގެ ސަރުކާރުން މަޝްވަރާކޮށްފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކާ އަބްދުލް މޫމިންއަށް މިއަދު ފޯނުން ގުޅުއްވައި މިކަމާ ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ދަތުރުފަތުރު ކުރުމަށް ހުރަސް އެޅިފައިވާއިރު، ރާއްޖެއަށް ނާދެވި ބަންގްލަދޭޝްގައި ގާތްގަނޑަކަށް 80 ދިވެހިން ތާށިވެފައި އެބަތިއްބެވެ.
އޭގެ ތެރޭގައި ގިނަ ދިވެހިންނަކީ ސިއްހީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހޯދަން އެގައުމަށް ގޮސް ތިބި މީހުންނެވެ.
ބޭރު ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ދަނީ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން ރެސްކިއު ފްލައިޓްތަކެއް ބާއްވަމުންނެވެ.
މިހާތަނަށް ބޭއްވި ފްލައިޓްތަކުގައި އިންޑިއާ، ލަންކާ އަދި މެލޭޝިއާގައި ތިބި ދިވެހިން ރާއްޖެއަށް ގެނެސްފައިވީ ނަމަވެސް، މީގެ ފްލައިޓެއް ބަންގްލަދޭޝްއަށް އަދި ޝެޑިއުލްކޮށްފައި ނުވެ އެވެ.