13 Apr 2020, 09:53
"ޒިން ކޮންތާކުން ތިއައީ..." ޖިބްރީލް ކޮޓަރީގެ ދޮރު ހުޅުވާލަފައި ނުކުމެ ގަޑިއަށް ބަލައިލިއެވެ. " ތެތް އެއްޗެހި ބަދަލުކޮށްގެން ކޮފީއެއް ބޯލަން އާދޭ. އެބައޮތް ވާހަކައެއް ބުނަންވެފައި..."
މާޒިންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. ދޮންބެއަށް އެނގުނީ ކޮންކަމެއް ހެއްޔެވެ؟
ފަނަރަވަރަކަށް މިނިޓްފަހުން ދެބެން އާވިއަރަ އަރާހުރި ކޮފީ ބޯން ބެލްކަނީގެ ސޯފާތަކުގައި ހަމަޖެހިލިއެވެ. ޖިބްރީލްގެ ސުވާލުން ފިނިވެ ދޮގުހަދާ އެކަން އޮއްބާލަން އުޅެފައިވެސް މާޒިން ނިންމީ ހަގީގަތް ހާމަކުރުމަށެވެ. ކިތަންމެ އުދަގޫ ނިންމުމަކަށްވިޔަސް ދޮގުތަކުގެ ފުރަގަހުގައި ނިވާވެގެން ހުންނާކަށް ހިތެއް ނުރުހުނެވެ. ޖިބްރީލްއަށް އާލިއާ ކިޑްނެޕްކުރިގޮތެއް އެނގުނު ގޮތަކާމެދު ހިތުގައި ސުވާލު އުފެދުނެވެ. މާޒިން ހުރިހާ ވާހަކައެއް ކިޔާދިނެވެ. އާލިޔާ ހުރީ ސަލާމަތުންކަމަށާއި ހެނދުނު އޭނަގެ އާއިލާ ކައިރިއަށް އަނބުރާ އަންނާނެކަމުގައި ބުނެލިއެވެ. އޭނައާއި ކައިވެނި ކުރަން އާލިޔާ އެއްބަސްވީކަމުގައިވެސް ބުނެލިއެވެ.
"ދޮންބެ ބައްޕަމެންނަށް އެ ވާހަކަ ނަންގަނެދީ. މިއުޅެނީ މެރީކުރަން....."
"އޭނައަށް މަޖުބޫރުކުރީމަ އެއްބަސްވާނެއްނު. ކޮބާ އިންޓެންޝަންއަކީ؟ރިވެންޖްތަ؟އެކަހަލަ ނުބައި ނިޔަތެއްގައި ކައިވެނިކުރަން ސަމާސާކަމެއް ނޫނެއްނު.... " ޖިބްރީލް އެހިއެވެ.
"އާލިއާގެ ސަބަބުން އަޅުގަނޑުގެ ދިރިއުޅުން ހަލާކުވީ. އެހެންވެ. ކޮންމެހެން ރިވެންޖް ނަގާކަށް ނޫން. ގާތުގައި ހުރީމަ މޮނިޓާކުރެވޭނެ. އެހަރުކަށި ފިކުރުގެ ހުރިހާ ސެލްތަކެއް ނައްތާލަން ބޭނުމީ. ނޫނީ މުޖުތަަމައަ ފަސާދަވެދާނެ...."މާޒިން ހުރީ ގޮތްދޫކުރާ ކަހަލަ ގޮތަކަށްނޫނެވެ.
"ހުރިހާ އެންމެން ހަމަ މަގަށް އެޅުވުމަކީ ޒިންގެ ޒިންމާއެއްތަ. ކިތަން އަންހެނުންނާއި ދެން އިންނަން ޖެހޭނެ. ޒިންއަށް އޭނަގެ ގައިން ކަމުދާ ސިފައެއް ފެނުނީތަ. ލައިކްވެވެނީތަ......." ޖިބްރީލް ކޯވަރަކަށްފަހު ކޯވަރެއް ބޮމުން ދިޔައެވެ.
"ނޫނޭ..." މާޒިން ނިކަން އަވަހަށް ބުނެލިއެވެ. އޭނަގެ ހިތުގައި މީރާއަށް ދެވުނު މަގާމު ދުވަހަކުވެސް އާލިއާއަކަށް ނުލިބޭނެއެވެ.
"އާލިއާގެ ދޮންބެ ޑޮކްޓަރ އަޔާޒް ގަބޫލުނުވެއްޖެއްޔާ....." ޖިބްރީލް އެހިއެވެ.
"ވީއިރު އަޔާޒްއަށް އާލިއާގެ ވާހަކަ ހިއްސާނުކޮށް ނުހުރެވުނު ދޯ. އަދި ދޮންބެ ކައިރީ ދެއްކުމުން އެނގޭ އެއްޗަކީ އަހަރެމެންނަށް ޝައްކު ކުރިކަން..އޭނަ ގަބޫލުވިޔަސް ނުވިޔަސް އައިމް ނޮޓް ގިވިން އަޕް. ކޮންމެވެސް އެކަކު އެބަޖެހޭ އެމީހުން ހުއްޓުވަން.."
"އެހެންވެކަން ނޭގެއެއްނު އަޔާ މަޑުން އެހެރީ. އޭނަ ޒިންމެންނަށް ޓްރަސްޓްކުރާތީކަން ނޭގެއެއްނު. ސީރިޔަސްކޮށް އަޔާ ކަހަލަ ޑޮކްޓަރެއް މަދުވާނެ. އެހާ ހިތްހެޔޮ ކެއަރިން އަދި އެންމެ އަޚުލާގު ރަގަޅު ޑޮކްޓަރުކަން ނޭގޭ............." ޖިބްރީލް ތައުރީފުކުރިއެވެ. "ޒިން އެކަމަކު ދޮންބެގެ އެޑްވައިސް ގަބުލުކުރަންޏާ ތިކަން ހުއްޓާލާ. އެމީހުން ވަރަށް ތަފާތު. އަހަރެެމެންގެ ލައިފްސްޓައިލް ފިޓްވާ ބަޔެއްނޫން. އެކީ އުޅެން ފަސޭހައެއްނުވާނެ..."
"ދޮންބެ. އާލިއާ ޗޭންޖުވާނީ. މެރީކުރުމަށްފަހު މިގޭގައި އޭނަ ދިރިއުޅޭނީ. އަހަރެމެންގެ ސްޓައިލްއަށް ހޭނިދާނެ. މޫނުވެސް ނަގަން ޖެހޭނީ...."
މާޒިންއަށް ވިސްނާދޭން ޖިބްރީލް އެތައް އިރެއްވާންދެން ކުރިމަސައްކަތް ނާކާމިޔާބުވިއެވެ. މާޒިން ކަމެއް ބޭނުންވެއްޖެއްޔާ ގަދަކަމުންވެސް އެކަމެއް ކުރާނެއެވެ.
***
އަދާއާއި މިންކާ ރޭގަނޑު ކެއުމަށްފަހު ބާޒާރުކޮށްލަން ގޮސްފައި އައީ ބުރުގާތައް ގަނެގެންނެވެ. އަދާ އިސްކޮޅު ސައިޒުގެ ބޮޑު ލޯގަނޑުކުރިމަތީ ހުރެ ފަހަރަކު ބުރުގަލެއް ނަގާ އަޅަން ފަރިތަކުރިއިރު މިންކާ އޮތީ އެނދުގައި އޮށޯވެލައިގެން ފޯނުގައެވެ. އަދާގެ މޫނާއި ނުގުޅޭ އެންމެ ކުލައެއްވެސް ނެތެވެ. މިންކާ ހިންދިރުވައިލިއެވެ. އޭނަ މިއަދު އަރްސަންގެ ފޯނަށް މެސެޖް މިކުރީ ސަތޭކަވަނަ ފަހަރަށެވެ. ކޮންމެ ދުވަހަކު އެތައް މެސެޖެއް ފޮނުވާ ލޯތްބަށް އެދި ސަލާމްޖަހާއިރު އަރްސަން ޖަވާބު ނުދޭތީ ހިތް ހަލާކުވާވަރުވެއެވެ. އަދާއާ ރުޅިވުމަށްފަހު އޭނަ ހުސްހަށިބައި ނޫންހެއްޔެވެ؟ އެހެން އަންހެންކުއްޖަކަށްވުރެ އޭނަދެކެ ލޯބިވަނީ ގައިމު އޭނަކަން އަރްސަންއަށް އެނގޭނެއެވެ. އޭނަ އެހާވެސް ހުތުރީހެއްޔެވެ؟
"އާލިއާމެންގެ ނަޒަރުގައި ބުރުގާ އެޅިޔަސް އަދި ދީނީ ސްޓޭންޑަޑްއަށް ފިޓުނުވެޔޯދޯ. ސްޓައިލިޝްކޮށް ބުރުގާ އަޅައިލީމަ ރީތި ދޯ. އެކަމް ނިގާބު ލައިގެން ކިހިނެއް މިއޮތް ހޫނު ގަދަ ގައުމުގައި އުޅޭނީ.." އަދާ އެނދުގައި ޖައްސާލުމުން މަޑު ގޮދަޑި ސްޕަންޖްކަމުން ގަނބައިގެން ދާގޮތްވިއެވެ.
މިންކާ ލޮލަށް ގޮތެއް ހަދައިލިއެވެ.
"ކޮންމެ ކަމެއްގައި މަށަށްވުރެ އަދާ ކުރިއަރަން ޖެހޭތަ؟ އަރްސަންގެ ހިތްވެސް މިލްކުކޮށްލީ. އަހަރެންގެ ސަބަބުން އާލިއާގެ ޕޭޖް އެނގުނީ. މިހާރު ބުރުގާ އަޅައިފި. އެކަމަކު ބޮޑީގެ ރީތިކަން އެނގޭހާ ބާރު ހެދުން ލައިގެން މިހިރީ. އަދާއަކަށް އާލިއާ ހިނިގި މަގަކުން ނުހިގޭނެ. ކޮޕީކުރަން އުޅުނަސް އެކަމެއް ނުވާނެ. އިޚުލާސްތެރި ހިތަކުން ނޫނީ ދީނީކަން ކަން ކުރަން ޖެހޭތަ. މީހަކު އަޅާއިރަށް ބުރުގާ އަޅަން ޖެހޭތަ؟" މިންކާ ތަބީއަތު ބޮޑަށް ގޯސްވީ އަރްސަންގެ ޚަބަރެއް ނުވީމައެވެ. އޭނަ މިގޮތަށް މެސެޖް ފޮނުވާތާ ކޮން ޒަމާނެއްހެއްޔެވެ؟ އެންމެ ފަހަރަކުވެސް ހިތްހަމަޖެހޭފަދަ އެއްޗެއް ބުނެލިއްޔާ އެރީތިކަމުން ބަޔެއް އުނިވާނީއެއް ނޫނެވެ. ފޮނި ފިރިހެނެކެވެ.
"އޯ ނޯ.. އާލިއާ ޕޭޖް ރިމޫވް ކޮށްފި..." އަދާ ނާއުއްމީދުވިއެވެ.
"އެހެންތަ؟ އާލިއާވެސް ގެއްލިއްޖެ..." މިންކާ ހީލަމުން ދެން ބުނި ޖުމްލަތައްވީ ހިތުގައެވެ. "ރަގަޅަށް އެވީ. އާލިއާއަށް އަދާއާއި ދިމާވެއްޖެއްޔާ އޭނަވެސް އަހަންނާއި އަނގައިން ބުނާނެހެން ހިޔެއްނުވޭ. މިހާރު އާލިއާވެސް ޖަހައިގަންނަން އެއުޅެނީ."
"މިންކު އެނގޭތަ. އަހަންނަށް އަދިވެސް ސޭމް މަތިން ހަދާން ނައްތާނުލެވޭ. ހިތް ހަލާކުވި އެކަމަކު ދެން ދެމީހުން ވަކިވާން ޖެހުނީ..."އަދާ ދަތްދޮޅީގައި އަތް ވިއްދާލައިގެން އިނދެފައި ޓިޝޫއެއްނެގިއެވެ. ދެން ހިނގައިގަތީ ފާޚާނާއައި ދިމާލަށެވެ. ފަނަރަވަރަކަށް މިނިޓްފަހުން މޫނު ދޮވެލައިގެން އަޔަސް ރޮއިފާ ހުރިވަރު މިންކާ ދެނެގަތެވެ. އޭނަ އެނގޭކަަމަކަށް ހަދާނުލިއެވެ. އަދާ މިއީ ކޮންކަހަލަ އަންހެންކުއްޖެއް ހެއްޔޭ ހިތަށް އެރިއެވެ. ޖަވާހިރެއް ނަގާ އެއްލާލީއެވެ. މިހާރު ހިތާމަކުރަނީއެވެ.
ކުއްލިއަކަށް އަދާގެ ފޯނަށް އަޅާފައި ހުރި ބަންގި އެޕުން ބަންގިދޭން ފެށުމުން މިންކާއަށް ސިހިފައި ބަލައިލެވިއްޖެއެވެ. އަދާ ހާދަ ބޮޑަށް ބަދަލުވެއްޖެއެވެ. އޭނަވެސް ހީނުކުރާހާ ބޮޑަށެވެ.
"މި އެޕް ނެތްނަމަ އަހަންނަށް ގަވައިދުން ނަމާދަށް އެރޭނެކަމެއް ވެސް ނޭގޭ. ނަމާދުކުރުން ހެބިޓަކަށް ހަދާފައިވާ މީހުންނަށް ގަޑި ނުބަލާވެސް ނަމާދުގަޑި އެނގޭނެ ދޯ. އަހަރެންގެ އުއްމީދަކީ އެކަހަލަ މީހަކަށް ވުން. މިއީ ފެށުން......" އަދާ ހެދުމުގެ އަތުކުރި އޮޅަންފެށީ ވުޟޫކުރުމަށެވެ.
އަދާއާއި އެކު މިންކާވެސް ނަމާދުކޮށްލީ އެހާވަރުން ޝައުގު ހުރެގެނެއް ނޫނެވެ. އަދިވެސް އޭނައަށް އަދާ ވަރަށްވެސް އެކަމުގެ ތެރެއަކަށް ނުވަދެވެއެވެ.
"ނަމާދު ކުރަން ފެށި ފަހުން އެކްސްޕްލެއިން ކޮށްދޭކަށްވެސް ނޭގޭ. އެހެން ކަހަލަ އުފަލެެއް އަބަދަށް އަހަންނާއެކު ވާފަދަ. ބްރޭކް އަޕް ވުމަށްފަހުވެސް ޑިޕްރެޝަން ކަހަލަ ކަމަކަށް ނުގޮސް މިހިރީ ނަމާދުކުރާތީ ކަން ނޭގޭ. އަސްލުވެސް ވަރަށް ސްޓްރެސް ފިލާކަމެއް..." އަދާ ޒިކުރުތަސްބީހަ ކިޔަން ފެށީވެސް ފޯނުން ގޫގުލްކޮށްލައިގެންނެވެ. މާނައާއިމެދުވެސް ވިސްނިއެވެ.
***
އާލިއާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އޭނަގެ ގެއަށް ވަދެވިފައެވެ. ފޯނުގެ ޗާޖު ނެތުމުން އާއިލާ މީހަކަށް ގުޅޭނެ ގޮތެއްވެސް ނުވީއެވެ. ބޮޑުކޮޓަރީގައި ބޮޑުދައިތަ ރަހުމާއާއި މީޝާއަށް ދޮރުމަތިން އާލިއާ ފެނުމުން އުފަލުން ހަޅޭއްލަވައިގަނެވުނެވެ. ދެމައިން ގޮސް އޭނަގެ ގައިގާ ބައްދައިގަތީ ނޭވާ އުފުރިއަރާހާ ބާރަކަށެވެ.
"އާލިއާ އޯކޭތަ؟ މާމަވެސް އާލިއާ ނުފެނިގެން ހާދަ ވަރަކަށް ހޯދައިފި. ކިހިނެއްވީ؟ ހުރިހާ ޚަބަރެއް ކިޔާދީބަލަ. އަހަރެމެންވެސް ކޮއްކޮ ނެތީމަ ރާއްޖޭގައި ތާށިވެފައި...." ރަހުމާ އާލިއާގެ ނިތްކުރީގައި ބޮސްދިނެވެ. އާލިއާ ބުނީ ބަޔަކު ކިޑްނެޕް ކުރީކަމަށެވެ. ސަލާމަތުން އާދެވުނުކަމަށްޓަކާ އޭނަ މާތްﷲއަށް ހަމްދުކުރިއެވެ. މާމައޮތީ ނިދިފައެވެ. އޭނަގެ ދޮންބެ މިވަގުތު ހުންނާނީ ޑިއުޓީގައެވެ.
ޖެހިގެން އައި ދުވަހު ރަހުމާމެން ފުރައިފިއެވެ. އޭނަ އައުމުން ބޮޑުދައިތަ އެހާ އުފާވި ސަބަބު ވިސްނުނީ ފަހުންނެވެ. ބޮޑުދައިތަ ހުރީ އޮސްޓްރޭލިއާއަށް ނުފުރިފައެވެ. އެމީހުންގެ ވަޒަނަކީ އެއީއެވެ. ދުނިޔެއަށް އުފަންކުރި މައިމީހާއަށްވުރެ ލޯބިކުރާ މަންޒިލަކީ އެއީއެވެ. އެންމެ ކުޑަމީހާއާއި މަންމަ ހަވާލުކޮށްފައި އެމީހުން އެއުޅެނީ އަމިއްލަ އާއިލާއާއިގެންނެވެ.
އާލިއާ ބަދިގެއަށް ވަންއިރު އޭނަހުރީ ފްލޯރަލް ހަރުވާޅަކާއި އަތްކުރު ޓީޝާޓެއްގައެވެ. ބުޅި އިސްތަށިގަނޑު ވޫލްކޮޅެއްގެ އެހީގައި ހައްޔަރުކޮށްލާފައެވެ. އޭނަ ނޫޑުލްސް ކައްކަންވެގެން އުޅުމުން އަޔާޒު އެހީތެރިވެދިނެވެ. ވަޅޯ މަހާއި ފިޔާ އެއްޗެހި ކޮށާދިނެވެ. އޭރު މާމަވެސް ގޮނޑީގައި އިނެވެ. ޗޮކްލެޓެއްކަމުން އެމީހުން ދައްކާ ވާހަކައިގާ ބައިވެރިވެލައެވެ. އަޔާޒްވެސް ދޭތެރެއަކުން މަންމައަށް ސަމާލުކަން ދީ ހަދައެވެ.
"ކޮއްކޯ އަދިވެސް އެވާހަކަ ދައްކާކަށް ނުވޭތަ؟ ކިހިނެއް ސަލާމަތްވީ؟ "
"އަޅުގަނޑު މާޒިން މައިމޫންއާއި ކައިވެނި ކުރަން އެއްބަސްވީ...."
"ކީކޭ؟ކިހިނެއް އޭނައާއި އެއްބަސްވީ........" އަޔާޒުއަށް ބުނެވުނެވެ.
"ދޮންބެ އަޅުގަނޑު އިސްތިޚާރާ ނަމާދުކުރިން. ޕޮޒިޓިވްކޮށް ފެނުނީ. މާޒިންއަށް ހިދާޔަތް ލިބިއްޖެއްޔާ ރަގަޅު. އެހެންވެ އެއްބަސްވީ. އެކަމަކު ވަލީދޭން ހުރި މީހަކީ ދޮންބެ. ދޮންބެ އެއްބަސް ނުވަންޏާ ނުކުރާނަން........................." އާލިޔާ ބުނެލިއެވެ. އޭނަ މޫނު ނާޅާ ހުއްޓާ މާޒިންއަށް ފެނުނު ވާހަކައާއި އޭނަ ޖެއްސިހާ ވައްތަރުތައްވެސް އޭނަ ދެކުނު ކަމަށް ބުނާކަށް ނުކެރުނެވެ.
"އޭނަ ބްލެކްމެއިލް ކުރީތަ؟" އަޔާޒު އަދިވެސް ހުރީ އެހާ ފަސޭހައިން އާލިޔާގެ އެ ކައިވެންޏަށް އެއްބަސްވުމުން ގަބޫލުކުރާގޮތަކަށް ނޫނެވެ.
"ނޫން ދޮންބެ. އަޅުގަނޑަށް އިސްތިޚާރާ ނަމާދުކުރަން ދަސްކޮށްދެއްވީ ދޮންބެ. މުސްތަގުބަލްގައިވާނެ ގޮތް އަޅުގަނޑުމެން ހެއްދެވި ފަރާތް ފިޔަވާ އެހެން ބަޔަކަށް އެނގުމެއްނުވޭ. އެހެންވެ ޑިޒިޝަން ނެގުމުގައި އެ ނަމާދުކޮށްފައި ދުޢާކުރަން ދޮންބެ ބުނުއްވީ. އަޅުގަނޑު މާޒިން ކުރިން ޕްރޮޕޯސްކުރީމަ ވަރަށް ރުޅިއައި. އެކަމަކު އިސްތިޚާރާކުރީ އެކަމުގައިވެސް މާތްﷲއަށް ދަންނަވަން. ފެނުނު ހުވަފެނުން އެއްބަސްވާން ނިންމީ. އެ ހުވަފެނުގައި ސީދާ މާޒިންއެއް ނުފެނޭ. އެކަމަކު އެފެމިލީ މީހުން ތިބީ. ބައްޕައާއި މަންމަވެސް. ބުނި އަހަރެމެންގެ ދަރިފުޅަށް ލިބުނީ ޖަވާހިރެކޭ. އެ ދަރިފުޅަށް ހިދާޔަތް ލިބުމުގައި އެހީތެރިވީ އާލިއާއޭ......" އާލިޔާ ހިނިތުންވެލިއެވެ.
"ކޮއްކޮއަށް އެގޭގައި އުޅެން ދަތިވާނެތީ ބިރުގަންނަނީ. އެކަމަކު މާތްﷲއާއި ވަކީލު ކޮށްފައި އާލިއާ ބޭނުންގޮތަކަށް އެއްބަސްވާނަން. އެގޭގައި ދޮންބެގެ ފްރެންޑެއް އުޅޭނެ. ޖިބްރީލް. އޭނަ ވަރަށް ރަގަޅު ދީނީ ކަންތައްތަކަށް އެހާ ފަރުވާ ނުބެހެއްޓިޔަސް ދީނީ އެއްވެސް ކަމެއްގައި ފާޑުކިޔާ މީހެއްނޫން. މާޒިންވެސް ދައްކަން ނަމަވެސް މިސްކިތަށް ވަދެލާ. ފަހަރެއްގައި އާލިއާއަކީ އެގެއަށް ލައްވާ ރަހުމަތެއް ނޫންކަމެއްވެސް ނޭގޭ..."
"މިގެ މިހިރީ ޖެހިގެން. ނޫޅެވިއްޖެއްޔާ ދޮންބެމެން ގާތަށް އެނބުރި އަންނާނަން..." އާލިޔާގެ މަގުސަދަކީ އެއާއިލާގެ އެންމެނަށް ހިދާޔަތް ލިބުމުގައި މަސައްކަތް ކުރުމަށެވެ. ކޮންމެ މުސްލިމަކަށް އެނގޭވަރަކުން އެހެން މީހުންނަށް ބުނެދޭންވާނެއެވެ.
ވަޅޯމަސް ނޫޑުލްސް ތެލި ކެކެން ފެށުމުން މީރުވަސް އެތަނުގައި ފެތުރިގަތެވެ. އާލިޔާ މޭޒުތައްޔާރުކުރަން ފެށިއެވެ. ކިޑްނެޕްކޮށްގެން އުޅުނު އިރުގެ ހުރިހާ ބިރެއް ފިލާ އާލިޔާގެ މޫނުމަތިން ފެންނަން ހުރީ ތާޒާކަމާއި އަލިކަމެވެ. އަބަދުވެސް ފަނޑު ހިނިތުންވުމެއް ހުންނަ ތުންފަތާއި އަޅި ދެލޮލަކީ އޭނަގެ އެންމެ އަޅައިގަންނަ ސިފަތަކެވެ. ބަލައިލާ މީހަކު އޭނަ ސިފަކުރާނީ ނިކަން އުފާވެރި ހަމަޖެހޭ ކުއްޖެއްގެ ގޮތުގައެވެ. ހަޔާތުގައި އަންނަ އެފަދަ ބިރުވެރި ވަގުތުތަކާއި ކެރިގެން ކުރިމަތިލާން އެނގުނީވެސް އޭނަގެ މިޒާޖުގައި ހުންނަ "ޕޮޒިޓިވް" ކަމުންނެވެ.
***
ސްކައިޕެލެސްގެ ހަވީރު ސައިއޮތީ ބަގީޗާގެ ތެރޭގައެވެ. ހުރިހާ ކުދިން ހަމަޔަށް ތިބުމުން ސުކައިނާ ހުރީ އުފަލުން ފޮޅިފައެވެ. ސުފުރާމަތީ ނެތް އެއްޗެއް މަދެވެ. ބޯންވެސް އެކުއްޖަކު ބޭނުންވާނެ އެއްޗެއް ހަމަޔަށް ހުއްޓެވެ. ޕިއްޒާ ހޯވީ އަދި ސަބްމެރިންފަދަ އެއްޗިއްސާއި ރާހިލްގެ ފެވެރިޓް ޗީޒްކޭކުވެސް ސުފުރާ ފަޅުފިލުވާފައިވިއެވެ. ސުކައިނާއަށް އެންމެ ކަމުދާނީ ޗޮކްލެޓްގެ ބާވަތްތަކެވެ. އެކި ވާހަކަތައް ދެކެވެމުންގޮސް ޖިބްރީލް ބުނި އެއްޗަކުން އެންމެންގެ ސަމާލުކަން އޭނަ އަތުލިއެވެ.
"ޒިން ވަރަށް އަވަހަށް ޕާޓީއެއް ދޭން އުޅެނީ"
"ކޮންކަހަލަ...." ސުކައިނާގެ ހިތަށް ލައްކިއެއް ޖެހިއެވެ. ޖިބްރީލްއާއި މާޒިން ބަދަލުކޮށްލި ހިނިތުންވުމުން ދައްކަން އިވެން އުޅޭ ޚަބަރާއިމެދު ޝައްކުތަކެއް ހިތުގައި ހިނގައިލިއެވެ.
"ކައިވެނި.....ޒިން އުޅެނީ މެރީކުރަން..."
"މަރުހަބާ ޒިން.." ރާހިލް ވަރަށް ހަމަޖެހިލާފައި ކިޔައިލިއެވެ.
"ދަރިފުޅާ ކާކުތަ؟" ސުކައިނާ ދެލޯބޮޑުކޮށްލިއެވެ.
"އާލިޔާ. މޫނުބުރުގާ އަޅާ ކުއްޖެއް އުޅެއެއްނު. އެ ޕޭޖް ހިންގާތީ ޒިންއާއި މައްސަލަޖެހުނީ އެކަން ހައްލުވީ ކައިވެންޏާއި ހަމަޔަށް ގޮސްގެން. އާލިއާ އެޕޭޖް ރިމޫވްކޮށްލައިފި....." ޖިބްރީލް ކޮފީތަށިން އެތިފޮދެއް ބޯލިއެވެ.
"ގޯޑް....." ސުކައިނާގެ އަތުގައި އޮތް އޫ ދޫވެގެންގޮސް ތަށިމަތީ ޖެހުނު އަޑުފަށްގަނޑާއެކު އިރުކޮޅެއްވާންދެން ހިމޭންކަން ފެތުރިގެން ދިޔައެވެ. އަރްސަންގެ ބުމަ ގޮށްޖެހުނުއިރު މައިމޫންވެސް އިންނެވީ މާޒިންއަށް ބައްލަވާށެވެ. އެއްވެސް މީހަކަށް އެ ޚަބަރުން ހިތްހަމަޖެހުމެއް ނުލިބުނެވެ.
"ޒިން މިއަދަކީ އެޕްރިލް އެކެއްތަ؟ އެޕްރީލް ފޫލް ހައްދަންވެސް ތިކަހަލަ ވާހަކަ ދައްކާ އުޅޭތަ؟ " ސުކައިނާ ތަންކޮޅެއް ބާރަށް އެހިއެވެ.
"ނޫން މަންމާ. ސަމާސާއަކަށް ނޫން. ޕްރޮޕޯސްކުރީމަ އާލިއާ އާއެކޭ ބުނީ...." މާޒިން ކުޑަކޮށް ނުތަނަވަސްވިއެވެ. މަންމައާއި ބައްޕަގެ ރުހުން އޭނަވެސް ބޭނުމެވެ.
"ބެޓްކޮށްގެން ކުރެވޭނެކަން އަންގައިލަން ކުރާ ކަމަކީތަ؟ ނޫނީ ބަދަލުހިފަންތަ؟ މަންމައަށް އެނގޭ ޒިން އެކަހަލަ ކުއްޖަކާ ހަމަ ހުރެފަކަ ނީންނާނެކަން. ކޮބާ ރީޒަންއަކީ؟ "ސުކައިނާ ގަދަކަމުން ހިނިތުންވެލައިފިއެވެ. ރުޅިއިސްކޮށްގެން މާޒިންގެ ހިތުގައި ޖައްސާކަށް އޭނަ ބޭނުމެއްނޫނެވެ. އެކުއްޖާ މީރާދެކެ މިހާރުވެސް އިންތިހާއަށް ލޯބިވެއެވެ. އެކޮޓަރީގެ ކޮންމެތަނަކުން ފެންނަނީ މީރާގެ ހަދާންތަކެވެ. މީރާގެ މަރަށްފަހު މާޒިންއަށް ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުގެ ބޮޑުމިން ލަފާކޮށްލާކަށްވެސް ނޭގެއެވެ.
"އޭނަގެ މޫނު ފެނުނުތަ؟"އަރްސަން އެހިއެވެ.
ނުނިމޭ