ކޮވިޑް19 އަށް އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދެވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ބޮޑުވަޒީރު ބޮރިސް ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ.

މީގެ ކުރިން އެމަނިކުފާނު ހުންނެވީ އަމިއްލައަށް އެކަހެރިވެގެން ގޭގައެވެ. ނަމަވެސް ޓެސްޓްތަކެއް ހެދުމަށް މިދިޔަ އާދިއްތަ ދުވަހު ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ހާލުކޮޅު ސީރިއަސްވުމުގެ ސަބަބުން އައިސީޔޫގައި ފަރުވާ ދޭން ފެށީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.

އަދި މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އެމަނިކުފާނަށް އައިސީޔޫގައި ފަރުވާ ދީފައިވެއެވެ.

ބޮޑުވަޒީރު ބޮރިސްގެ ތަރުޖަމާނު މިއަދު ވިދާޅުވީ، ބޮރިސް މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި، ފަރުވާ ފުރިހަމަ ކުރައްވާނީ ގޭގައި ކަމަށެވެ.

އަދި ބޮރިސް ގެކޮޅަށް ބަދަލުކޮށްފައި ވަނީ، އެމަނިކުފާނަށް ފަރުވާދިން މެޑިކަލް ޓީމުގެ ލަފާގެ މަތިން ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ކޮރޯނާއަށް ޕޮޒިޓިވްވި ނަމަވެސް މީގެ ކުރިން އެމަނިކުފާނު ދިޔައީ އޮންލައިންކޮށް މީޓިންތަކާއި ސަރުކާރުގެ އެކި ކަންކަމުގައި ބައިވެރިވެލައްވަމުންނެވެ.

ތަރުޖަމާނު ވިދާޅުވީ ގެއަށް ބަދަލުކުރި ނަމަވެސް، ބޮޑުވަޒީރު އޮފީހުގެ މަސައްކަތްތަކުގައި އަދި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ 78,991 މީހަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު ބަލީގައި 9,875 މީހަކު ވަނީ މަރުވެފަ އެވެ.