މާލޭގައި ފޭރުން އިތުރުވެފައިވާ ކަމަށް ބުނެ، ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުން އެކަމަށް ސަމާލުވެ ރައްކާތެރިވެގެން އުޅުމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން އަންގައިފި އެވެ.

އެގޮތަށް އެނގީ އަމީރުއަހުމަދުމަގުގައި ހުންނަ އިންޑިއަން ހައިކޮމިޝަނުގެ ނޯޓިސް ބޯޑަށް މީގެ ދެ ދުވަސް ކުރިން އެރުވި ހާއްސަ އެންގުމެއްގަ އެވެ.

http://sun.mv/albums/l_2781.jpg
އިނގިރޭސިބަހުން ނެރެފައިވާ އެ އެންގުމުގައި ބުނަނީ "މި ފަހަކަށް އައިސް ކަރުގައި އަޅާ ފަށް ފަދަ ގަހަނާގެ ގޮތުގައި ހިމެނޭ ތަކެތި މާލޭގައި މީހުންގެ އަތުން ފޭރުމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބުން އާންމުވެފައިވާ" ކަމަށެވެ. އަދި ބުނަނީ މާލޭގައި އުޅޭ އިންޑިއާ މީހުން މަގު މައްޗަށް ނުކުމެ އުޅޭ އިރު އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި މަގުމަތީގައި ހިނގާއިރު ގަހަނާ ފަދަ ތަކެތި ނޭޅުމަށެވެ.

ރާއްޖެ ޒިޔާރަތްކުރާ ގިނަ ޓޫރިސްޓުން ވެސް އާދެވެ ހިނގާ އަދި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ މަގުގައި އެންމެނަށް ފެންނަ ގޮތަށް އެފަދަ އެންގުމެއް ބޭރަށް ނެރުނު ސަބަބާ ގުޅޭ ގޮތުން އިންޑިއަން ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ ސުބާޝް އަގަރުވާލް ވިދާޅުވީ އެ ކޮމިޝަނަށް އެފަދަ ޝަކުވާތަކެއް ލިބޭ ނަމަ އިންޑިއާގެ ރައްޔިތުންނަށް އެކަން އެންގުމަކީ އެ ކޮމިޝަނުގެ ޒިންމާއެއް ކަމަށެވެ.

"އެ އިއުލާން ހިތްޕީ ފޭރުމުގެ ކަންކަން ގިނަވެ އެ ޝަކުވާ ގިނައިން އަންނާތީ. އެއީ އަހަރުމެންގެ ޒިންމާއެއް، ހައިކޮމިޝަނެއްގެ ހައިސިއްޔަތުން އިންޑިޔާގެ ރައްޔިތުން ހިމާޔަތްކުރުން،" ދާދިފަހުން ފަސް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރި އަގަރުވާލް ވިދާޅުވި އެވެ.

ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުން ރައްކާތެރިވުމަށް އެންގި އިރު އިންޑިއާގައި ދިވެހިންނަށް ވިސާ ނުލިބުމާއި ދިވެހިންނަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފާރަލުން ވަނީ އިތުރުކޮށްފަ އެވެ. އަދި ދާދިފަހުން ވަނީ ދިވެހިންނަށް ޑިޕެންޑެންޓް ވިސާ ނުދޭގޮތަށް ވެސް އިންޑިޔާ އިން ނިންމާފަ އެވެ.