25 Jun 2010, 10:03
14:30
މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައި ޖަޕާން ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ފަހު ސޯޅައިގެ ޖާގައެއް ޖަޕާނުން ހޯދީ ރޭ ގްރޫޕް އީގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗު 3 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްގެންނެވެ. ރަސްޓެންބާގުގެ ރޯޔަލް ބަފޮކެންގް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ޖަޕާނުން ޖެހި ފުރަތަމަ ލަނޑު، މެޗުގެ 17 ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުން ޖަހައިދިނީ ކެއިސުކޭ ހޮންޑާ އެވެ. މެޗުގެ 30 ވަނަ މިނިޓުގައި ޖަޕާނުން އެޓީމުގެ ލީޑު ފުޅާކުރީ އަނެއްކާ ވެސް ލިބުނު ހިލޭ ޖެހުމަކުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަސުހީޓޯ އެންޑޯ އެވެ. މެޗުގެ 81 ވަނަ މިނިޓުގައި ޑެންމާކުގެ ކެޕްޓަން ޔޮން ޑާލް ޓޮމަސަން ޖަހައިދިން ލަނޑާ އެކު ދެޓީމުގެ ފަރަގު ކުޑަވިނަމަވެސް ޖަޕާނުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޝިންޖީ އޮކަޒާކީ ވަނީ އޭގެ ހަމިނިޓު ފަހުން މެޗުގެ ނަތީޖާ 3-1 އަށް ބަދަލު ކޮށްފަ އެވެ.
މިނަތީޖާ އާއެކު ޖަޕާނަށް ލިބިފައިވަނީ ޖުމްލަ ހަ ޕޮއިންޓެވެ. ގްރޫޕް އީގެ ތިންވަނައިގައި އޮވެގެން މުބާރާތް ނިންމާލި ޑެންމާކަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
މިގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ މެޗަށް ނިކުތުމުގެ ކުރިން ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައި އޮތް ނެދަލެންޑްސް އާއި މުބާރާތުން އެންމެ ފުރަތަމަ ކެޓި ޓީމަށް ވެގެންދިޔަ ކެމެރޫންނެވެ. މިމެޗު 2 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ނެދަލެންޑްސް އެވެ. މި މެޗުގެ 36 ވަނަ މިނިޓުގައި ލަނޑެއް ޖަހައި ފުރަތަމަ ލީޑް ހޯދީ ވެސް ނެދަލެންޑްސް އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާސެނަލްގެ ތަރި ރޮބިން ވެން ޕާސީ އެވެ. މެޗުގެ 65 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ކެމެރޫންގެ ސެމުއަލް އެޓޫ ނަތީޖާ ހަމަހަމަކުރި ނަމަވެސް މެޗު ނިމެން ދަނިކޮށް ނެދަލެންޑްސްގެ ކްލާސް ޔަން ހަންޓެލާ ވަނީ މެޗުގެ ނަތީޖާ އަލުން ނެދަލެންޑްސް ކޮޅަށް އަނބުރާލާފަ އެވެ.
މިމެޗުން ލިބުނު މޮޅާ އެކު ނެދަލެންޑްސް އެޓީމުގެ ގްރޫޕް މެޗުތައް ނިންމާލީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ލިބިގެން ސައްތައިން ސައްތަ ރިކޯޑަކާ އެކުގަ އެވެ. އަދި ކެމެރޫނަށް މުބާރާތް ނިންމާލަން ޖެހުނީ އެއްވެސް ޕޮއިންޓެއް ނުލިބި ހުސްއަތާ އެވެ.
ގްރޫޕް އީގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ނެދަލެންޑްސް މުބާރާތުގެ ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކަޓުވާލުމަށް ފަހު ގްރޫޕް އެފްގެ ދެވަނަ ހޯދައިގެން ދެވަނަ ބުރުގެ ޖާގައެއް ހޯދި ސްލޮވާކިޔާ އާ އެވެ. އަދި ގްރޫޕް އީގެ ދެވަނަ ހޯދި ޖަޕާން ބައްދަލުކުރަން ޖެހޭނީ ގްރޫޕް އެފްގެ އެއްވަނަ ހޯދި ޕެރަގުއޭ އާ އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހުގެ މެޗުތައް މިރޭ ކުޅޭނެ އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ގްރޫޕް ޖީގައި ބްރެޒިލް އާއި ޕޯޗުގަލް ބައްދަލުކުރާ މެޗެވެ. މީގެ ތެރެއިން ބްރެޒިލް މިހާރު ވެސް ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް ޓަކައި ޕޯޗުގަލް އަށް ޑްރޯ އަކުން ވެސް ފުއްދާލެވެން އެބައޮތެވެ. މިގްރޫޕްގައި މިރޭ ކުޅޭ އަނެއް މެޗުގައި ބައްދަލުކުރާނީ އައިވަރީ ކޯސްޓާއި އުތުރު ކޮރެޔާ އެވެ.
މިރޭ ރާއްޖެގަޑިން 11.30 ގައި ކުޅޭނީ ގްރޫޕް އެޗްގެ އެންމެ ފަހުގެ މެޗުތަކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އާއި ޗިލީ ބައްދަލުކުރާ މެޗެވެ. އަދި ހަމަ އެގަޑީގައި ސުވިޒަލެންޑާއި ހޮންޑިއުރަސް ބައްދަލުކުރާ މެޗަކީ ވެސް ވާދަވެރި މެޗަކަށް ވާނެ ކަމަށް ބެލެވެ އެވެ. ގްރޫޕް އެޗުން މިހާތަނަށް އެއްވެސް ޓީމަކުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިނުވާއިރު ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު މިއިން ކޮންމެ ޓީމަކަށް ވެސް އެބައޮތެވެ.