13 Apr 2020, 09:37
ބޮކްސިން ކުޅޭ މީހެއްގެ ރޯލުން ފަރުހާން އަޚްތަރު ފެނިގެންދާ ފިލްމު "ތޫފާން" ކުޅުމަށް ހަ ހަފްތާތެރޭ އޭނާ 15 ކިލޯ ބަރުކޮށްފިއެވެ.
ޕްރޮފެޝަނަލް ބޮކްސިން ތަޅާ މީހެއްގެ ރޯލަށް ފިޓް ވުމަށް އޭނާ ވަނީ އެ މުއްދަތުގައި ބޮޑީބިލްޑްވެސް ކޮށްފައެވެ. ފަރްހާން ބުނީ ސިއްހަތަކީ އޭނާއަށް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ގެއްލުން ލިބޭ ކާނާ ކެއުން ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ފިލްމަށް ތައްޔާރުވުމަށް ފެޓްސް، ކާބްސް އަދި ސްޓާސް ހިމެނޭ ކާއެއްޗެހި ކާންޖެހުމުން ފުރަތަމަ ދުވަސްކޮޅު ވަރަށް އުނދަގޫވި ކަމަށް ފަރްހާން ބުންޏެވެ. އަދި ތެޔޮ އެކުލެވިގެންވާ ކާނާ ކާންޖެހުމުން ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް ގިނައިން އެފަދަ ކާނާ ކެއުމުން މަދު ދުވަސްކޮޅެއް ތެރޭ 15 ކިލޯ ބަރުކޮށްލެވުނު ކަމަށެވެ.
ފިލްމުގެ ޝޫޓިން ފެށި ނަމަވެސް ކޮވިޑް19 އާ ގުޅިގެން އެ ފިލްމުގެ ޝޫޓިން ވަނީ މިވަގުތަށް މެދުކަނޑާލައިފައެވެ. މުރުނާލް ޓާކުރް އަންހެން ލީޑު ރޯލުން ފެނިގެންދާއިރު މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލްކުރީ އަންނަ ސެޕްޓެމްބަރު މަހުއެވެ.
ރަކޭޝް އޯމްޕްރަކާޝް މެހެރާ ޑައިރެކްޓްކުރާ އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ ފަރްހާން އަޚްތަރު، ރަކޭޝް އޯމްޕްރަކާޝް މެހެރާ އަދި ރިތޭޝް ސިދުވާނީ އެވެ. މި ފިލްމަކީ 500 މިލިއަން އިންޑަން ރުޕީސްގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.