17 Dec 2011, 15:38
މެންޗެސްޓާ ސިޓީގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭގެ އުމުރުން ފަނަރަ އަހަރުގައި އޭނާ ހޯދުމަށް އާސެނަލް އިން މަސައްކަތް ކުރި ކަމަށް އެކުލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
މެންސިޓީ އާއި 2010 ވަނަ އަހަރު ގުޅުމުގެ ކުރިން ކުޅުނީ ސްޕެއިންގެ ބާސެލޯނާ އަށެވެ. މެންސިޓީ އަށް ޔާޔާ ޓޫރޭ ގެނައުމުގެ ބޮޑު ދައުރެއް އަދާކުރީ އެކުލަބަށް ކުޅޭ އޭނާގެ ބޭބެ ކޯލޯ ޓޫރޭ އެވެ. 2009 ވަނަ އަހަރު އާސެނަލް އިން މެންސިޓީ އަށް ބަދަލުވި ޑެފެންޑަރު ކޯލޯ ޓޫރޭ ވަނީ އާސެނަލްގެ ކަޕްޓަން ކަން ވެސް އަދާކޮށްފަ އެވެ.
"ޔާޔާ ޓޫރޭ ގެ އުމުރުން ފަނަރަ އަހަރުގައި އަހަރެން އޭނާ ދަންނަން. އޭރުއްސުރެ އޭނާ ގެނައުމުގެ މަސައްކަތް ފެށިން. ޔާޔާ އާއި އެކު އެގްރިމެންޓް އެއް ވެސް ހެދިން. ނަމަވެސް ޔޫރަޕުގެ ޕާސްޕޯޓެއް ނެތުމުގެ ސަބަބުން އެކަން ހަމަޖެހޭ ގޮތެއް ނުވި. މިހާރު ޔާޔާ އަކީ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. ނަމަވެސް މައްސަލައަކީ ހުރިހާ މަގާމަކަށް ވެސް ކުޅެވޭނެ ފަދަ ގާބިލުކަން އޮތުމުން ވަކި މަގާމެއްގައި ބެހެއްޓުމަށް އުނދަގޫވާނެ ކަން." ވެންގާ ބުންޏެވެ.
އުމުރުން 28 އަހަރުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ގެ ހުނަރުތަކަށް ތަޢުރީފްކޮށް އޭނާ އަކީ ދަނޑުގެ ކޮންމެ ދިމައާކުން އަދި ކޮންމެ ގޮތަކަށް ވެސް ކުޅެވިދާނެ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ. "އޭނާ އަށް އެންމެ ފަހަތަށާއި ކުރިއަށާއި އަދި މެދުތެރެއަށް ވެސް ކުޅެވިދާނެ. އޭނާ ވަނީ މިމަގާމުތަކަށް އެކި ކުލަބުތަކަށް ކުޅެފަ." ވެންގާ ބުންޏެވެ.