އޯ ޕޮޒިޓިވް އާއި ބީ ޕޮޒިޓިވް ލޭ ހަދިޔާ ކޮށްދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން އެދިއްޖެ އެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ލޭ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި ލޭ ހަދިޔާކުރުމަށް އެދި މީގެކުރީންވެސް ވަނީ ލޭ ހަދިޔާކުރުމަށް އެދިފައެވެ.

އެމްބީއެސް އިން މިއަދު ބުނެފައިވަނީ ބްލަޑް ބޭންކުގައި ހުރި ލޭގެ ސްޓޮކު މަދުވާ ކަމަށެވެ. އަދި ހާއްސަކޮށް އޯ ޕޮޒިޓިވް އާއި ބީ ޕޮޒިޓިވް ލޭ މަދުވަމުންދާ ކަމަށް ބްލަޑް ސާވިސް އިން ވަނީ ބުނެފައެވެ.

އެމްބީއެސް، ކޮންމެ އާދިއްތަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން 15:00ގެ ނިޔަލަށް ހުޅުވާފައި ހުންނާނެއެވެ. އެހެންކަމުން އެވަގުތުގައި ލޭ ހަދިޔާކުރުމަށް ދިޔުމަށް އެ އެމްބީއެސް އިން ވަނީ އެދިފައެވެ.

ބްލަޑް ސާވިސްގެ ސްޓޮކުގައި އޯ ޕޮޒިޓިވް އާއި ބީ ނެގެޓިވް ލޭ ވަރަށް މަދުވެފައިވާ ކަމަށް އެމްބީއެސް އިން ވަނީ މީގެ ހަފްތާއެއް ކުރީން ހާމަކޮށްފައެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ތެލްސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެގެން ލޭ ދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން އިލްތިމާސް ކުރުމުންވެސް މީގެ ކުރީން ވަނީ ގިނަ ބަޔަކު ލޭ ހަދިޔާކޮށްފައެވެ.