ޑާކާ (އޭޕްރިލް 12): ބަންގްލަދޭޝްގެ ފުރަތަމަ ރައީސް ޝޭހް މުޖީބުއްރަހްމާން އަވަހާރަކޮށްލުމުގައި ބައިވެރިވި، އެގައުމުގެ އަސްކަރިއްޔާގެ ކުރީގެ ކެޕްޓަންއެއް ކަމަށްވާ އަބްދުލް މަޖީދު ދަންޖައްސާ މަރާލައިފި އެވެ.

ބަންގްލަދޭޝްގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕްރިޒަންސް ބްރިގޭޑިއާ ޖެނެރަލް އޭކޭއެމް މުސްތަފާ ކަމާލް ޕާޝާ ވިދާޅުވި ގޮތުގައި އަބްދުލް މަޖީދު ދަންޖައްސާފައި ވަނީ ރޭ ދަންވަރު ޑާކާ ސެންޓްރަލް ޖަލުގަ އެވެ.

ބަންގުލަދޭޝްއަށް 1971ގައި މިނިވަންކަން ލިބުނު ފަހުން އެގައުމުގެ ފުރަތަމަ ރައީސަކަށްވެ ވަޑައިގެންނެވި މުޖީބުއްރަހްމާން އަވަހާރަކޮށްލީ 1975ގަ އެވެ. އޭނާ އަވަހާރަކޮށްލުމުގައި ބައިވެރިވީ އަސްކަރިއްޔާގެ މެމްބަރުންތަކެކެވެ. އަދި އެހާދިސާގައި މުޖީބުއްރަހްމާންގެ އަނބިކަނބަލުންނާއި ތިން ދަރިކަލުންނާއި ކޮއްކޯފުޅު އަވަހާރަވި އެވެ. އެ ހަމަލާގައި އެ އާއިލާއިން ސަލާމަތްވީ އޭނާގެ ދެ ދަރިކަނބަލުންނެވެ. އެއީ ބަންގުލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝޭހް ހަސީނާ އާއި ކޮއްކޯފުޅު ޝޭހް ރިހާނާ އެވެ.

ވިހި މީހަކު މަރާލި އެ ހާދިސާގައި އަބްދުލް މަޖީދު ބައިވެރިވި ނަމަވެސް ގިނަ އަހަރުތަކެއް ވަންދެން އޭނާ ބަންގުލަދޭޝްގައި މިނިވަންކަމާ އެކު ދިރިއުޅެމުން ދިޔަ އެވެ. ނަމަވެސް 1996ގައި ޝޭހް ހަސީނާ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުން އޭނާ އިންޑިއާއަށް ފުރައިގެން ދިޔަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޝޭހް ހަސީނާގެ ވެރިކަމުގައި، އޭނާގެ ބައްޕާފުޅު މަރާލުމުގައި ބައިވެރިވި މީހުން މަރަން ކޯޓުން ހުކުމް ކުރި އެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ 2010ގައި ދަންޖައްސާފަ އެވެ. އަދި ފިލައިގެން އުޅުނު މަސްޖިދު ހައްޔަރު ކުރީ މިދިޔަ މަހު ސިއްރިއްޔާތުގައި ބަންގުލަދޭޝްއަށް ގޮސްގެން އުޅެނިކޮށް ކަމަށް އެގައުމުގެ ހޯމް މިނިސްޓްރީން ބުންޏެވެ.