ދިއްލީ (އޭޕްރިލް 12): އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އެއްބަސްވެވަޑައިގެންފި ކަމަށް ދިއްލީގެ ޗީފް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ޓުވިޓާ މެދުވެރިކޮށް ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖުރިވާލް ވިދާޅުވި ގޮތުގައި ބޮޑުވަޒީރު މޯދީ ލޮކްޑައުންގެ މުއްދަތު އިތުރު ކުރަން ނިންމެވީ އިއްޔެ އެގައުމުގެ ޗީފް މިނިސްޓަރުންނާ ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ލޮކްޑައުންގެ މުއްދަތު އިތުރު ކުރަން އެދިލައްވާފަ އެވެ.

ނަމަވެސް އަންނަ އަންގާރަ ދުވަހު ނިމެން އޮތް ލޮކްޑައުންގެ މުއްދަތު އިތުރު ކުރާނީ ކިހާ ދުވަހަކަށް ކަމެއް ކެޖުރިވާލް ވިދާޅުނުވެ އެވެ.

އޭގެ ފަހުން ބޮޑުވަޒީރުގެ އޮފީހުން ވަނީ އިންޑިއާގެ ސްޓޭޓުތަކުގެ ޗީފް މިނިސްޓަރުންނާ ބޮޑުވަޒީރު މަޝްވަރާތައް ބާއްވަވާފައިވާ ކަމަށާއި އިތުރު ދެ ހަފްތާއަށް ގައުމު ލޮކްޑައުން ކުރަން ގިނަ މިނިސްޓަރުން އެއްބަސްވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެގައުމުގައި ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާ ކަން ރަސްމީކޮށް އަދި އަންގާފައި ނުވެ އެވެ.

މިދިޔަ މަހުގެ 25ގައި އިންޑިއާ ލޮކްޑައުންއަށް ދިޔައީ ގައުމުގެ ގިނަ ބަޔަކު އެކަމަށް ތައްޔާރު ނުވެ ތިއްބަ އެވެ. އެ ލޮކްޑައުން ތެރޭ އެ ގައުމުގެ 1.3 ބިލިއަން މީހުން ގެއިން ބޭރަށް ނުދިޔުމަށް އަންގާ، ޒަރޫރީ ހިދުމަތްދޭ ވިޔަފާރިތައް ނޫން އެހެން ވިޔަފާރިތައް ބަންދުކޮށް، އާއްމު ތަންތަނުގައި މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.

އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ވަޒީފާ ގެއްލި، ކާނާ އާއި ބޭސް ނުލިބުމުގެ ބިރު ވަނީ އުފެދިފަ އެވެ. އަދި ވަޒީފާ ހޯދަން ބޮޑެތި ސިޓީތަކަށް ގޮސްފައިވާ އެތައް މިލިއަން މީހުން ވަނީ އެމީހުންގެ އަމިއްލަ އަވަށަށް ދިޔުމަށް ދަތުރު ފަށާފަ އެވެ. އެފަދަ މީހުން ހުއްޓުވުމަށްޓަކައި އިންޑިއާއިން ވަނީ އެމީހުންނަށް ފެނާއި ކާނާ ލިބޭ ގޮތަށް ހައިވޭތައް ކައިރީ ގިނަ އަދަދެއްގެ ހިޔާތައް ހަދާފަ އެވެ.

އިންޑިއާގައި ކޮރޯނާވައިރަހަށް ފުރަތަމަ މީހަކު ޕޮޒިޓިވްވީ ޖެނުއަރީ 30ގަ އެވެ. އޭގެ ފަހުން އެގައުމުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8،000 އަށް އަރާފަ އެވެ. އަދި އެ ވައިރަސް ހުރި 288 މީހަކު ވަނީ މަރުވެފަ އެވެ.