ޖެނީވާ (12 އެޕްރީލް 2020) --ކޮރޯނާވައިރަސް، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓަކައި ދިރިއުޅުމުގެ ގިނަ ހަރަކާތްތަކާއި އިގްތިސާދީ ހަރަކާތްތައް ހުއްޓާލުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ބައެއް ގައުމުތަކުން މަސައްކަތްކުރާތީ އެކަމާމެދު ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ "ޑަބްލިޔޫއެޗްއޯ" އިން ދުނިޔޭގެ ގައުމުތަކަށް އިންޒާރު ކޮށްފި އެވެ.

ޑަބްލިއުއެޗްއޯ ގެ ޑައިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަކީ އެ ރޯގާ ފެތުރުން ހުއްޓުވުމަށް މުހިއްމު ފިޔަވަޅުތަކެއް ކަމަށާއި ހާލަތަށް ނުބަލައި އެފިޔަވަޅުތަކަށް ލުއިދިފިނަމަ އާދަޔާ ހިލާފަށް އެރޯގާ މުޖްތަމައުގައި ފެތުރިގަތުން ފަދަ ނުރައްކާތެރިކަމެއް ދިމާވުމުގެ ބިރު އޮތްކަމަށެވެ.

ކޮވިޑް-19 ގެ ޝިކާރައަކަށް އެންމެ ބޮޑަށް ވެފައިވާ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކުންވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމައި އެކަމާބެހޭ ޕްލޭންތަކެއް އިއުލާނުކޮށްފަ އެވެ.

މިފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމައި އެކަން އިއުލާނުކުރި ގައުމުތަކުގެ ތެރޭގައި އޮސްޓްރިއާ، ބަލްގޭރިއާ، ޗެކްރިޕަބްލިކް، ޑެންމާކް އަދި ނޯވޭ ހިމެނެ އެވެ. މީގެއިތުރުން ފިންލެންޑް، ޖަރުމަނު، އަޔަލޭންޑް، ލިތުއޭނިއާ، ސްވިސްޓްޒަލޭންޑް، ޔޫކްރެއިން، ސްޕެއިން، ސައިފްރަސް، ފަރަންސޭސިވިލާތް، ގްރީސް، ހަންގެރީ އަދި އިޓަލީންވަނީ މި ފިޔަވަޅުތަކަށް ލުއިދިނުމާ މެދު ވިސްނަމުންދާކަމަށް ބުނެފަ އެވެ. އިޓަލީއާއި ސްޕެއިން އަދި ފަރަންސޭސިވިލާތަކީ ކޮވިޑް-19 އަދިވެސް ފެތުރެމުންދާ އަދި އެރޯގާގައި މަރުވާމީހުންގެ އަދަދުވެސް މަތިގައި އުޅޭ ގައުމުތަކެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގެ ގައުމުތަކަށް ފެތުރިގެންދިޔަ ގޮތް ދައްކައިދޭ ފޮޓޯއެއް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓަކައި މިދިޔަ މާޗް މަހުގެ މެދެއްހާ ހިސާބުން ފެށިގެން ޔޫރަޕްގެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެތަށް ގައުމަކުން ވަނީ ޢާންމު ދިރިއުޅުމަށް ހުރަސްއެޅުމާއި އިގްތިސާދީ ހަރަކާތްތައް ހުއްޓާލައި ގޭގައި ތިބުން ލާޒިމްކުރާ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެފިޔަވަޅުތަކުގެ ތެރޭގައި ސަރަޙައްދީ ރޮނގު ހުރަސްކޮށް ކުރާ ދަތުރުތަކާއި އެތެރޭގެ ދަތުރުތައް ހުއްޓާލުމާއި ފުރަބަންދުގައި ތިބެން މަޖްބޫރު ކުރުމާއި ކާފިއުހިންގުމާއި ސްކޫލްތަކާއި ޖިމްތަކާއި ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރުން ހިމެނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން މަސައްކަތްކުރާ ގައުމުތަކަށް އިޝާރާތް ކުރައްވައި ޑަބްލިޔޫ.އެޗް.އޯ ގެ ޑައިރެކްޓާ ޖެނެރަލް ވިދާޅުވީ އިޓަލީ، ޖަރުމަނުވިލާތް، ސްޕެއިން އަދި ފަރަންސޭސިވިލާތުގައި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ކުޑަވެގެން ދިޔަނަމަވެސް އެގައުމުތަކުގައިވެސް ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައި ނުވާކަމުގައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭންޖެހޭނީ ވަރަށް ބޮޑަށް ވިސްނައި ދެކޮޅު ބެލުމަށްފަހު މަޑުމަޑުންކަމަށްވެސް ޑަބްލިޔޫ.އެޗް.އޯ ޑައިރެކްޓާ ޖެނެރަލް ވިދާޅުވިއެވެ.

މީގެއިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުގައި ހަލުއިކަމާއެކު އެ ރޯގާ ފެތުރެމުންދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށާ ފާއިތުވި ދިހަވަރަކަށް ދުވަހުގެ ތެރޭގައި އެފްރިކާގެ އިތުރު ސޯޅަ ޤައުމަކަށް ކޮވިޑް-19 ފެތުރިގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ޖެހުނުކަން ކަށަވަރުވެފައިވާ މީހުންގެ ޢަދަދު ދެމިލިޔަނާ ގާތްކުރާ ހިސާބަށް މައްޗަށް ގޮސްފައިވާއިރު އެ ރޯގާޖެހިގެން މަރުވި މީހުންގެ ޢަދަދު އެއްލައްކަ ފަސްހާހަށްވުރެ މައްޗަށްވަނީ ގޮސްފައެވެ. އަދި ދެކުނު ކޮރެއާ އާއި ޗައިނާއިން ކޮވިޑް-19 ކޮންޓްރޯލް ކޮށްފައިވާއިރު އެދެގައުމުންވަނީ އެ ރޯގާގެ އިތުރު "ރާޅެއް" އަތުވެދާނެކަމުގެ ބިރު އޮތްކަމުގެ އިންޒާރު ދީފައެވެ. (ނޫސްއެޖެންސީތައް)