ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖުތަކުގެ ވެރިން ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލު ކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖުތައް ތަމްސީލުކުރާ ޖަމްއިއްޔާ، ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ ކޮރޯނާ އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޕްރައިވެޓް ކޮލެޖުތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެ ޖަމްއިއްޔާ އިން ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި ކޮލެޖުތަކުގެ ކަންބޮޑުވުންތައް ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ހަމައަށް ގެންދިޔުމަށް މިނިސްޓަރާ ބައްދަލު ކުރުމަށް ނިންމުނު ކަމަށެވެ.

އެ ޖަމްއިއްޔާގެ ރައީސް އަހުމަދު ޝަރީފް ސޮއިކުރައްވާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ކޮރޯނާ އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަމިއްލަ ކޮލެޖުތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ކިޔަވައިދޭ މަރުކަޒުތަކަށް ހުރި ގޮންޖެހުންތައް އަވަހަށް ހައްލު ނުކުރެވިއްޖެނަމަ، އެތަންތަން ހުއްޓުމަކަށް އައިސް އެތައް ހާސް ދަރިވަރުންނަކާއި މުވައްޒަފުންނަކަށް ފޫނުބެއްދޭވަރުގެ ގެއްލުންތައް ލިބޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ސިޓީގައި އެދިފައިވަނީ މި ކަންކަމަށް ހައްލު ހޯދުމަށް މިނިސްޓަރާ ބައްދަލު ކުރުމަށް އަމިއްލަ ކޮލެޖިތައް ތަމްސީލުކުރާ ޖަމްއިއްޔާ އިން އެދޭކަމަށެވެ.

ކޮރޯނާ ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ކޮލެޖުތަކުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލައިފައެވެ.