ފަސް ވަނަ ދިވެއްސަކު ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިފަހަރު ޕޮޒިޓިވްވި ދިވެހި މީހާ އަކީ، އެރިޔަދޫ ކަރަންޓައިން ފެސިލިޓީ ގައި ކަރަންޓީނު ކޮށްފައި ހުރި ދިވެއްސެއް ކަމަށެވެ. އަދި އޭނާ އަކީ މިފަހުން، ފިލިޕީންސް އިން އެނބުރި އައި މި މީހެއް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މިއީ މި ބައްޔަށް ޕޮޒިޓިވްވި 5 ވަނަ ދިވެހި މީހާ އެވެ. މީގެ ކުރިން އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ، އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީނުކޮށްފައި ތިބި ހަތަރު ދިވެއްސެކެވެ.

ފިލިޕީންސްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައް ވަނީ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެ ގެނެސްދީފަ އެވެ. އެގޮތުން އެގައުމުގައި ތިބި މެޑިކަލް ސްޓޫޑެންޓުންގެ އިތުރުން މަތީ ތައުލީމު ހާސިލްކުރަމުންދިޔަ ޖުމްލަ 61 ދަރިވަރަކު ވަނީ މާޗު މަހުގެ 28 ވަނަ ދުވަހު ރާއްޖެ ގެނެސްފަ އެވެ.

އެ ހުރިހާ ފަރާތްތަކުން ވެސް ރާއްޖެ އައުމަށްފަހު ސަރުކާރުން ކަނޑައަޅާތަނެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހެ އެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު މުއްދަތު ފުރިހަމަކުރުމުން ކަރަންޓީނުން ދޫކޮށްލަނީ ކޮރޯނާ އަށް ޓެސްޓު ކުރުމަށްފަހު ނެގެޓިވް ވެއްޖެނަމަ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. މިހާތަނަށް ޖުމްލަ 20 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، މިއަދު ޕޮޒިޓިވް ވި މީހާއާއެކު ރާއްޖޭގައި މިވަގުތު ބައްޔަށް ފަރުވާދެމުންދާނީ ފަސް މީހަކަށެވެ. ދެ މީހަކު ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު 13 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮރޯނާ އާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ މިމަހުގެ ނިޔަލަށް އިއުލާނު ކޮށްފައިވާއިރު، ރާއްޖެއިން ބޭރުން އަންނަ މީހުުންނަށް އޮން އެރައިވަލް ވިސާ ދިނުންވެސް ވަނީ ހުއްޓާލައިފަ އެވެ. އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރުމަށް މާލޭގެ ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިން އިންގެ ހިދުމަތް ދިނުން މެދުކަނޑާލާ، ޕާކުތަކާއި މައިޒާންތައް ބަންދުުކޮށްފައިވާއިރު ސަރުކާރު އޮފީސްތަކާއި ކިޔަވައިދޭ މަރުކަޒުތައްވެސް ވަނީ ބަންދުކޮށްފަ އެވެ.