ފްރާންސްގެ މެންޗެސްޓާ ޔުނައިޓެޑް މިޑްފީލްޑަރު ޕޯލް ޕޮގުބާގެ އަނިޔާ ރަނގަޅުވެ، ހުރީ އަލުން އަނބުރާ ދަނޑަށް އައުމަށް ކެތްމަދުވެފައި ކަމަށް އޭނާ ބުނެފިއެވެ.

މީގެ ދެ އަހަރު ކުރިން ފްރާންސްއާއެކު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޕޮގުބާ އެ މުބާރާތަށް ފަހު ގިނަ އަނިޔާތަކަކާއި ކުރިމަތިލާން ޖެހި ކުޅުމުން ބޭރުގައި ގިނަ ދުވަސްތަކެއް ވަނީ ހޭދަކޮށްފަ އެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދަނޑުމަތިން ފެނުނު ޕޮގުބާގެ ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ މި އަހަރުގެ ޖަނަވަރީ މަހު ސާޖަރީއެއް ހަދައިފައެވެ.

ދުނިޔޭގައި ހުރި އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ނަން ކިޔާލެވުނު ޕޮގްބާއަށް މުޅި ސީޒަނުގައި ވެސް ކުޅެވުނީ އެންމެ އަށް މެޗެވެ. ނަމަވެސް އަނިޔާތަކުން ރިކަވާ ވެގެން އަލުން ދަނޑުމަތީގައި ފެންވަރު ދައްކާލުމަށް ކަރުހިތްކައިގެންފައި ހުރިކަމަށް ޕޮގްބާ ވަނީ ބުނެފައެވެ.

"އަހަރެން މިހުރީ ތައްޔާރަށް، ޓީމާއެކު ފަރިތަކުރުންތައް ފެށުމަށް ކެތްމަދުވެފައި،" ޕޮގްބާ ބުންޏެވެ. "ފުޓުބޯޅަ ހަޔާތުގައި ވެސް މިކަހަލަ ކަމެއް އަަދި ނުވޭ. އެހެން ނަމަވެސް މިކަމާ ވެސް ކުރިމަތިލައިގެން މިކަމުން އަރައިގަނެވޭނީ،"

ޕޮގްބާ ބުނީ، ހަގީގަތުގައި ގިނަ ބަޔަކަށް އޭނާގެ އަނިޔާގެ ވާހަކަ ނޭންގޭ ކަމަށެވެ. އެހެންކަމުން ގިނަ ބަޔަކު އޭނާ ކުޅުމުން ނުފެންނާތީ ފާޑުކިޔާ އިރު ހަގީގާތް ނޭނގޭ ކަމަށް ޕޮގްބާ ބުންޏެވެ.

"އެކަންކަމާ އެކު އަލުން ދަނޑުމައްޗަށް އަރައި ކުޅެން ފެށުމަށް ކެތްމަދުވެފައި މިހުންނަނީ،"

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ހުއްޓާލާފައި އޮންނަތާ މަހެއް ވުރެން ގިނަ ދުވަސްވެފައިވާ އިރު ލީގު އަލުން ފަށާނީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ފެތުރުން ހަމައަކަށް އެޅި، ސިއްހީ ނުރައްކަލުގެ ހާލަތު އާއްމު ހާލަތަކަށް ބަދަލުވުމުންކަމަށް އިނގިރޭސި އެފްއޭއިން ވަނީ ބުނެފައެވެ.