12 Apr 2020, 10:16
ކޮވިޑް-19 ފެތުރެމުންދާއިރު ފުޓުބޯޅަ ލީގުތަކާއި އިތުރު މުބާރާތްތައް ކުރިއަށް ގެންދިއުން ރަނގަޅު ނޫންކަމަށް އަންގައި، މުބާރާތްތައް ހުއްޓާލާފައި ބޭއްވުމަށް ދުނިޔޭގެ ފުޓުބޯޅަ ގަވާނިން ބޮޑީ، ފީފާއިން އަންގައިފިއެވެ.
ފީފާގެ 211 މެމްބަރު އެސޯސިއޭޝަނާ ބައްދަލުކުރައްވައި، އެ ޖަމިއްޔާގެ ރައީސް ޖިއާނީ އިންފެންޓީނޯ ވިދާޅުވީ ކޮވިޑް-19ގެ ބިރު އެންމެ ރަނގަޅަށް ފިލައިގެން ނުދަނީސް މުބާރާތްތައް ފެށުން ރަނގަޅު ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ވިސްނުމަކަށް ވާންޖެހޭނީ ސިއްހީ ރައްކާތެރިކަމަށް ބެލުން. އެހެންކަމުން ސިއްހީ އިދާރާތަކުގެ އެންގުންތަކަށް ކިޔަމަންވުމަކީ އެންމެ މުހިންމު ކަންތައް،" އިންފެންޓީނޯ ވިދާޅުވިއެވެ.
އަދި އެއްވެސް މުބާރާތެއް، މެޗެއް އަދި ލީގަކީ ކުޅުންތެރިންގެ ސިއްހަތައްވުރެ މުހިންމު އެއްޗަކަށް ވެގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މި ހާލަތު 100 ޕަސެންޓް ރަނގަޅު ނުވާހާ ހިސާބެއްގައި މުބާރާތްތައް އަލުން ފެށުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ކުޅިވަރު ޖަމިއްޔާތަކުން ދަނީ ކުޅިވަރު އަލުން ފެށޭނެ ގޮތްތަކަކާ މެދު މަޝްވަރާކުރަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ހުރިހާ ފުޓުބޯޅަ މުބާރާތްތަކެއް ވަގުތީގޮތުން ހުއްޓާލާފައިވާއިރު ބައެއް މުބާރާތްތައް ވަނީ އެއް އަހަރަށް ފަސްކޮށްފައެވެ. އެކަމާ ގުޅިގެން ކުރިމަތިވެދާނެ މާލީ ދަތިކަން ދެނެގަތުމުގެ މަސައްކަތް ފީފާއިން ކުރަމުން ގެންދާކަމަށް އެ ޖަމިއްޔާގެ ރައީސް ވިދާޅުވިއެވެ.