އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕާ އިން ހޯދުމަށް މަސައްކަތް ކުރާ ލެ ހާވްރޭ ގެ ޒުވާން ފޯވާޑް ޖެރެމީ ބާމީ މިސާލެއްގެ ގޮތުގައި ބަލާނީ ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އާއި އާސެނަލްގެ ނެދަލޭންޑްސް ފޯވާޑް ރޮބިން ވެން ޕާސީ ކަމަށް އޭނާ ބުނެފި އެވެ.

"ހުރިހާ ކުޅުންތެރިންގެ ތެރެއިން މޮޅު ކުޅުންތެރިއެއް ނެގާނަމަ، އަހަރެން ނަގާނީ ވެން ޕާސީ ނުވަތަ މެސީ. އެދެކުޅުންތެރިންގެ ކުޅުން ވަރަށް މޮޅު." ބާމީ ބުންޏެވެ.

ބާމީ ގެންދިއުމަށް މަސައްކަތްކުރާ ބޮޑެތި ކުލަބުތަކާ އެކު ވާހަކަތަކުގައި ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. ބާމީ އަށް ޝައުގުވެރިކަން ފާޅު ކުރަމުންދާ ކުލަބުތަކަކީ އާސެނަލް އާއި ޓޮޓެންހަމް އަދި ވެލެންސިއާ ކަމަށް މި ރިޕޯޓްތަކުން ބުނެއެވެ. ބާމީ ބޭނުންވަނީ ފްރާންސް ގައި މަޑުކުރުމަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަހަރެންގެ ޓްރާންސްފާ ވާހަކަތަކުގައި އުޅެނީ އަހަރެންގެ ބެލެނިވެރިން. އެހެންކަމުން އަހަރެންނަކަށް އެކަމުގެ އެއްވެސް ވާހަކަ އެއް ނޭނގޭ. ޓްރާންސްފާ އަކާއި ދޭތެރޭ ވިސްނަން ބޭނުމީ ފްރާންސްގެ ލީގު 2 ގައި ލެ ހާވްރޭ އާއި އެކު ކުޅެ ލީގު 1 އަށް ޕްރޮމޯޓްވުމަށް ފަހު." ބާމީ ބުންޏެވެ.

ބާމީ އަކީ ފްރާންސް ލީގު 2 ގައި މޮޅު ކުޅުމެއް ދައްކަމުންދާ މޮޅު ފޯވަޑެކެވެ. ފްރާންސްގެ ޒުވާން ގައުމީ ޓީމުގައި ވެސް ބާމީ ހިމެނެ އެވެ.