ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް އޮންލައިންކޮށް ބެލޭނެ ސިސްޓަމެއް ތައާރަފުކޮށްފި އެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އެ ޓްރައިބިއުނަލްގެ މަސައްކަތް ކުރިއަށްގެންދަން އެކުލަވާލި އުސޫލުގެ ދަށުން ގެނައި ބަދަލެކެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އަމްޖަދު މުސްތަފާ "ސަން"އަށް ވިދާޅުވީ މިއީ މުޅިން އަލަށް ތައާރަފުކުރެވޭ ސިސްޓަމެއް ކަމަށާއި މި ސިސްޓަމުގެ ސަބަބުން މައްސަލަތައް ބެލޭ ސްޕީޑު އަވަސްވެގެންދާނެ ކަމަށެވެ.

"މިއީ މުޅިން އަލަށް ގާއިމުކުރި ސިސްޓަމެއް. އަޅުގަނޑުމެން ގަސްތުކުރަނީ އާންމު ހާލަތަށް ބަދަލުވުމުން ވެސް މައްސަލަތައް ބެލުމުގައި މި ސިސްޓަމް ބޭނުންކުރަން. ސަބަބަކީ މި ސިސްޓަމްގެ ސަބަބުން މައްސަލަތައް ބެލުމުގެ ސްޕީޑު އަވަސްވާނެ. އަދި އަތޮޅުތަކުގައި ދިރިއުޅޭ އާންމުންނަށް ވެސް މާލެ ނައިސް، ރަށުގައި ތިބެގެން މައްސަލައާއިގެން ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ." އަމްޖަދު ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން އިޖްތިމާއީ ގައިދުރު ކުރުމަށް ސަރުކާރުން ގޮވާލަމުންދާ މި ދަނޑިވަޅުގައި ވީހާ ވެސް ބޮޑަށް މީހުން ހާޒިރު ނުކޮށް މައްސަލަތައް ބެލޭތޯ ބެލުމަކީ ވެސް މިފަދަ ސިސްޓަމެއް ގާއިމު ކުރުމުގެ އެއް މަގްސަދު ކަމަށް އަމްޖަދު ވިދާޅުވި އެވެ.

މި ދުވަސްވަރު ކުރިމަތިވަމުންދާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ވަޒީފާ ގެއްލެމުންދާއިރު، އެ ހުރިހާ މައްސަލައެއް ބެލުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ވެސް އަމްޖަދު ވިދާޅުވި އެވެ.

ޓްރައިބިއުނަލްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެކުލަވާލި އާ އުސޫލުގެ ދަށުން މައްސަލަ ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށެވެ. އަދި މައްސަލަ ބަލައިގަތްކަން އެންގުމާއި މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ހިއްސާ ކުރުން ފަދަ މަސައްކަތްތައް ވެސް ކުރިއަށްދާނީ އީމެއިލް ނުވަތަ އެ ނޫން ވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

މައްސަލައާ ގުޅޭ އަޑުއެހުންތައް ބާއްވާނީ އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށެވެ.

ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ މި ހާލަތުގައި ވަޒީފާ ގެއްލޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ގާއިމްކޮށްފައިވާ ޖޮބް ސެންޓަރު ޕްލެޓް ފޯމަށް 185 މީހެއް ވަޒީފާއިން ވަކިކުރިކަމުގެ ޝަކުވާ މިހާތަނަށް ވަނީ ހުށަހަޅާފަ އެވެ.

ނޯ ޕޭ ލީވްއަށް ދިއުމަށް އަންގައިގެން 245 މީހުން ހުށަހަޅާފައިވާ އިރު، 113 މީހުންގެ މުސާރަ ކުޑަކޮށްގެން ވެސް އެ ޕޯޓަލްއަށް ޝަކުވާ ހުށަހަޅާފައިވެ އެވެ.