11 Apr 2020, 22:27
ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ހީނަރުކަމެއް އައި ނަމަވެސް، މާތްﷲގެ ވާގިފުޅާ އެކު ދިވެހިން ބަނޑަށް ޖެހޭނެ ހާލަތަކަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުޑް ސެކިއުރިޓީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ވަގުތީ ހާލަތެއް ކަމަށާއި ބަނޑަށް ޖެހޭ ހާލަތެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ފުޑް ސެކިއުރިޓީގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން ބަނޑަށް ޖެހޭ ހާލަތަކަށް އަދި ދާނެ ކަމަކަށް. ދުނިޔެ ބަނޑަށް ޖެހިއްޖެނަމަ އަޅުގަނޑުމެންވެސް ބަނޑަށް ޖެހޭނެ، އޭގައި ކުރެވޭނެ ކަމެއްވެސް ނޯންނާނެ. ދުނިޔޭގެ އިގްތިސާދަށް އަސަރުތަކެއް ކުރި ނަމަވެސް، އެގްރިކަލްޗާ، މެނުފެކްޗަރިން މަސައްކަތް ކުރަމުންދާ ބަޔަކު އެކަން ކުރަމުންދާނެ. ލޮކްޑައުންގެ ހާލަތުގައި މިއީ ވަގުތީ ކަމެއްގެ ގޮތުގައި ހުރިހާ ގައުމަކުން ވެސް ބަލަމުންދަނީ. ހަމަ ކޮންޓްރޯލްކޮށްފައި ހުޅުވާލަނީ." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް އަހަރަށް ވާ ވަރަށް ވެސް އަސާސީ ތަކެތި ފޯރުކޮށްދެމުންދާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ކުރިން ވެސް ދެއްވި ކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ބޭކާރު ގޮތުގައި ހަރަދު ކުރުމަށްފަހު ކާޑުގެ ބާވަތްތައް ގެއަށް ގުދަންކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ތަކުރާރުކޮށް ދެންނެވިން ކާޑަކަށް ނުޖެހޭނޭ، ބައްލަވައި ނުގަންނަވާށޭ ސިޓިން ރޫމަށް އެތެރެ ނުކުރާށޭ ބަސްތާއިން ބަސްތާއިން. ނަމަވެސް ބައިވަރު ބޭފުޅުން ހަމަ ބައްލަވައިގަތީ... އަތުގައި ހުރި ފައިސާ ބޭކާރު ގޮތަކަށް ބަންދު އެ ކުރެވެނީ. އެ ޔަގީންކަން އޮތީމަ މި އަރުވަނީ ކާޑަށް، އަސާސީ ކާބޯތަކެއްޗަށް ޖެހުނަ ނުދޭނަމޭ. ނަމަވެސް ސްޓޯބެރީ ނުހުރެދާނެ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދަނޑުވެރިކަމަކީ މި ސަރުކާރުގެ ނޫ އިގްތިސާދުގެ ދަށުން އިގްތިސާދު ފުޅާކުރަން ހިމަނާފައިވާ ކަމެއް ކަމަށާއި މިހާރު ކުރަމުންދާ ކަމަކީ މި ދުވަސްވަރާ ގުޅިގެން އެކަމާ ގުޅުންހުރި ކަންކަން އަވަސްކުރުން ކަމަށެވެ.
"މިއަހަރުގެ ފަހުކޮޅުގައި ފަށަން އޮތް ޕްރޮގްރާމެއް މިކަމާ [ކޮވިޑް-19]އާ ގުޅިގެން އަވަސް މި ކުރީ. މި ހާލަތަށް އައުމާއެކު ގަބޫލު ކުރެވިއްޖެ އިތުރު އަވަސްކަމެއް ދިނުމަށް. މި ހާލަތުގައި އެކަން ކުރުމުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ފައިދާވެ، އިގްތިސާދުގައި ކަންކަން އެނބުރުމުގެ ފުރުސަތު އެބައޮތްކަން." މިނިސްޓަރު ވިދާޅުވި އެވެ.