ބިމުގެ ޖާގަ އޮތް ރަށްރަށުން އެއްވެސް ކުއްޔަކާ ނުލައި ދަނޑުވެރިކަން ކުރަން ބިން ދޫކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަހާ ވިދާޅުވީ މިއީ ކޮވިޑް-19އާ ގުޅިގެން ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

މި މަސައްކަތުގެ ދަށުން ބިން ދޫކުރަން ހަމަޖެހިފައިވަނީ ތިން އަހަރުގެ މުއްދަތަކަށް ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.

"ބިން އޮތް ރަށްރަށުން ދަނޑުވެރިކަން ކުރަން ބިންތައް ކަނޑައަޅައި، ކައުންސިލްތައް މެދުވެރިކޮށް ކުއްޔަކާ ނުލައި، ތިން އަހަރުގެ މުއްދަތަކަށް ރައްޔިތުންނަށް ދޫކުރަން ސަރުކާރުން ވަނީ ނިންމާފައި... ކައުންސިލްތަކާއެކީ މި މަސައްކަތްކުރާއިރު، އަޅުގަނޑުމެން އެކުލަވާލާ ގައިޑްލައިންތަކާ އެއްގޮތަށް ރަށްރަށުން ބިން ދޫކުރަމުން ދާނީ." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ދަނޑުވެރިކަމަށް ދޫކުރާ ބިންތަކުގައި ބަރާބަރަށް އެ މަސައްކަތް ކުރޭތޯ ކަށަވަރު ކުރާނެ ކަމަށް ވެސް މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.

"ދަނޑުވެރިކަން ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިން ދޫކުރުމުގައި އަޅުގަނޑުމެންނާއެކީ މަޝްވަރާކުރެވި، ކައުންސިލްތަކާއެކީ އެގްރިމަންޓްތަކެއް އޮންނަންވާނެ، މިވެނި ބާވަތްތަކެއް ހެއްދުމަށްޓަކާއޭ މިކަން މި ކުރަނީ. އަޅުގަނޑުމެން ބޭނުންވަނީ ނަތީޖާ ހާސިލުވާ ގޮތަށް މި މަސައްކަތް ކުރަން، ހަމައެކަނި ބިންތަކެއް ކަނޑާފައި ދިނުމެއް ނޫން. އެ ބިންތަކުން ކާނާގެ ޔަގީންކަން، ފުދުންތެރިކަން އިތުރު ކުރުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުން ފަންސަވީސް އިންސައްތައާ ހަމައަށް ކާނާ ނެރުން." މިނިސްޓަރު ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މިގޮތަށް ދަނޑުވެރިކަން ކުރެވޭނެ ކަމަށް މިހާރު ފާހަގަކުރެވިފައިވަނީ 44 ރަށް ކަމަށެވެ. ނަމަވެސް އެހެން ރަށްތަކުން ވެސް އެކަމަށް އެދޭނަމަ އެ ފުރުސަތު އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދަނޑުވެރިކަން ކުރަން މީހުން ދިރިއުޅޭ ރަށްރަށުން ބިން ދޫކުރަން ނިންމާފައިވާއިރު، ދަނޑުވެރިން އުފައްދާ ތަކެތި އަންނަ މެއި މަހު ގަންނަން ފަށާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

މިކަން ކުރުމަށްޓަކައި މާލޭ ނޯތު ހާބަރުގައި އެސްޓީއޯ އެގްރިސެންޓަރުގެ ނަމުގައި ތަނެއް ހުޅުވަން ވަނީ ނިންމާފަ އެވެ.

މެއި މަހުގެ ފުރަތަމަ ދުވަހު އެ ސެންޓަރު ހުޅުވާނެ ކަމަށާއި އޭގެ ކުރިން އެ ސެންޓަރުން ގޮވާން ގަންނާނެ އަގާއި ގަންނާނެ ބާވަތްތައް އިއުލާނު ކުރާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.