12 Apr 2020, 08:22
އަމިއްލަޔަށް މަރުވާން އުޅުމާއި ޑިޕްރެޝަން އަދި އެންޒައިޓީގެ 14 ކޭސްއެއް މިފަހުން ރިސޯޓު މުވައްޒަފުންގެ ފަރާތުން ފާހަގަ ކުރެވުނު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ތިބެންޖެހޭ މީހުންގެ ތެރެއިން އެކިއެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާ މެދު އަމަލު ކުރާ ގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން އިއްޔެ ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގައި މެމްބަރު އިމްތިޔާޒު ފަހުމީ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ އަހުމަދު ޝަހީދު ވިދާޅުވީ ރިސޯޓު ތަކުގައި ބަންދުވެފައި ތިބި މުވައްޒަފުންގެ ފަރާތުން ސިއްހީ މައްސަލަތައް ފާހަގަ ކުރެވެމުން އަންނަ ކަމަށެވެ.
"ޓްރެވަލް ރެސްޓްރިކްޝަންސްގައި ތިބޭއިރު ދިމާވާ ބައިވަރު މެންޓަލް އިޝޫސްތައް ހުރޭ. އެންއީއޯސީގެ މެޑިކަލް ޓީމިން މިހާރުވެސް އެޓެންޑްވެއްޖެ 14 ކޭސްއަށްވުރެ ގިނައިން. އޭގެ ތެރޭގައި ހިމެނޭ ސުއިސައިޑަލް އައިޑިއޭޝަންސް. ޑިޕްރެޝަންސް. އެންޒައިޓީ. މިކަންތައްތައް." ޑރ އަހުމަދު ޝަހީދު ވިދާޅުވި އެވެ.
ޑރ ޝަހީދު ވިދާޅުވީ އެންއޯއީސީގެ ދަށުން ދެމުން އަންނަ ސައިކޯ ސަޕޯޓް ސާވިސްއިން ވަރަށް އެކްޓިވްކޮށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކަރަންޓީނުގައި ތިބި މީހުންނަށާއި ރިސޯޓު ބަންދުގައި ތިބި މީހުންނަށް ގުޅައިގެން އެމީހުންގެ ހާލަތު ބަލައި، ކޮންމެހެން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ޑރ ޝަހީދު ވަނީ ވިދާޅުވެފަ އެވެ.
ޑިޕްރެޝަން އަދި އެންޒައިޓީ ހުންނަ މީހުންގެ ތެރޭގައި ހައި ރިސްކު މީހުންވެސް ހިމެނޭކަން ފާހަގަކޮށް ޑރ ޝަހީދު ވިދާޅުވީ މިވަގުތަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ވަގުތެއް ކަމަށެވެ. އޭނާ ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން ކޮންމެ ރިސޯޓެއްގައިވެސް އެ ރިސޯޓެއްގައި ގާއިމްވެ، ޑޮކްޓަރެއް ނަރުހެއް ފަދަ ހެލްތް ޕްރޮފެޝަނަލެއް ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދަނީ އެހެން ނޫން ކަމަށް ޑރ ޝަހީދު ވިދާޅުވި އެވެ.
"ބައިވަރު ރިސޯޓުތައް ހުރޭ ޑޮކްޓަރެއް ނުވަތަ ނަރުހެއްވެސް ނެތް ތަންތަން. އެގޮތަށް އެކަންތައް އޮއްވާ ކޮވިޑް 19 ގެ ހާލަތު މި ދިމާވީ. އެހެންވީމަ މިއާ ގުޅިގެން ވަރަށް ބޮޑެތި އުނދަގޫތަކެއް ހެލްތް ސިސްޓަމަށް އިހުސާސް ކުރެވުނު." ޑރ ޝަހީދު ވިދާޅުވި އެވެ.
ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އެ ރިސޯޓުން ފޭބުން މަނާކޮށް، ފޭބޭނޭ އުސޫލުތަކެއް ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެ ރިސޯޓަކުން އެންމެ ފަހު ޓުއަރިސްޓް ފޭބުމަށް ފަހު 14 ދުވަސް ހަމަ ކުރުމަކީ ކުރަން ޖެހޭ ކަމެކެވެ. ރިސޯޓުގައި ބަންދުވެފައި ތިބެން ޖެހުމުގެ ސަބަބުން ބައެއް މުވައްޒަފުން ފިލައިގެން ރަށްރަށް އަރަން މަސައްކަތް ކުރުމުން ވަނީ ހައްޔަރުކޮށްފަ އެވެ.