17 Dec 2011, 15:17
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިލިޓަރީ ކައިވެނީގެ ހަފްލާގެ ޝަރަފް އެމްއެންޑީއެފްގެ ލެފްޓިނެންޓް އަހުމަދު ވަހީދު އަށް ލިބިއްޖެ އެވެ.
އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އަބްދުލްރަހީމް މިއަދު ވިދާޅުވީ މިރޭ ކަޅުތުއްކަލާ ކޮށީގައި ބާއްވާ މިކައިވެނީގެ ހަފްލާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިލިޓަރީ ކައިވެނީގެ ހަފްލާ ކަމަށާއި މިރޭގެ ރަސްމިއްޔާތުގައި ސިފައިންގެ އިސް ބޭފުޅުންނާއި މިލިޓަރީގެ އިސް އޮފިޝަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
"އާއްމު ކައިވެނި ހަފްލާތަކާ މިކައިވެނި ހަފްލާ ތަފާތު ވަނީ މިއީ ސިފައިންގެ އިސްވެރިންގެ ހާޒިރުގައި ބާއްވާ ރަސްމިއްޔާތަށްވާތީ، އެ ރަސްމިއްޔާތުގައި ކައިވެނި ކުރާ ފިރިހެން މީހާ ހުންނާނީ ސިފައިންގެ ޔުނީފޯމްގައި، އަދި އެ ދެ މީހުންގެ ޝަރަފްގައި އޮނާގާޑެއް ދިނުމަށް ވެސް އޮންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ސިފައިންގެ ތެރޭގައި މިލިޓްރީ ކައިވެނި ބޭއްވުމަށް ރަސްމީކޮށް ނިންމާފައި ވަނީ ވެސް ވަރަށް ފަހުން ކަމަށާއި އޭގެ ފަހުން އެމީހެއްގެ އަމިއްލަ ހަރަދުގައި ކައިވެނި ހަފްލާގެ ހުރިހާ ކަމެއް ބަލަހައްޓާ ގޮތަށް އެހަފްލާ ބާއްވަން އެދޭ ކޮންމެ ސިފައިންގެ މީހަކަށް ވެސް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.