11 Apr 2020, 19:56
ބީއެމްއެލްއިން ނަގާފައިވާ ލޯނުތައް ފަސްކޮށްދޭން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 12،000 ލޯނު ފަސްކޮށްދޭން އެދި ހުށަހަޅާފައިވާ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.
ބީއެމްއެލްގެ ލޯނުތައް ފަސްކޮށްދޭން ފުރުސަތު ހުޅުވާލީ ކޮވިޑް-19އާ ގުޅިގެން ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.
ލޯނާ ގުޅޭ މައުލޫމާތު ބަލައިލެވޭ އަދި ލޯނު ފަސްކުރަން އެދި ހުށަހެޅޭ އޮންލައިން ޕޯޓަލްއަކާއެކު އެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލީ މި މަހުގެ ދެވަނަ ދުވަހު އެވެ.
ލޯނު އަނބުރާ ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުން ވާނެ ގޮތް:
ފުރަތަމަ 6 މަސްދުވަސް: މި މުއްދަތުގައި ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. މި މުއްދަތުގައި އިންޓަރެސްޓް ނަގާނީ ކޮމްޕައުންޑްކޮށެއް ނޫނެވެ. މާނައަކީ އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެ.
- ޖެހިގެން އަންނަ ހަ މަސްދުވަސް: ކޮންމެ މަހަކަށް ދައްކަން ޖެހޭނީ މިހާރު ލޯނަށް ދައްކަމުންދާ އަދަދަށްވުރެ 20 ޕަސެންޓު މަދު އަދަދެއް.
- ލޯނުގެ ބާކީ މުއްދަތު: ލޯނުދެއްކުން ފަސްކުރެވުނު ފުރަތަމަ ހަ މަސްދުވަހުގެ އިންޓަރެސްޓް ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށްފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލާނެ.
- ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް އިތުރު ހަ މަސްދުވަސް ލިބޭނެ.
ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.
ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެންނެވެ. އަދި ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލް އިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުން ނަގާފައިވާ ޕާސަނަލް، ހައުސިންގް، އަދި ބިޒްނަސް ފައިނޭންސިންގް ތެރެއިން މުރާބަހާ ފައިނޭންސިންގް ފިޔަވައި ހުރިހާ ފައިނޭންސިންގް އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.