11 Apr 2020, 22:33
ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ރާއްޖޭގައި ހަދަފައިވާ ދެ އައިސޮލޭޝަން ފެސިލިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.
އެގޮތުން ރައީސް މިއަދު ވަނީ ފަރުކޮޅު ފުށިީގައި ހުރި އައިސޮލޭޝަން ފެސިލިޓީ ބައްލަވާލައްވައިިފިއެވެ.
ފަރުކޮޅުފުށީގައި ގާއިމްކުރި އައިސޮލޭޝަން ފެސިލިޓީއަކީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ހައި ރިސްކް ކެޓަގަރީގެ މީހުން އައިސޮލޭޓް ކުރުމަށެވެ.
އެ އައިސޮލޭޝަން ފެސިލިޓީއަކީ 50 އެނދުގެ ޖާގައިގެ ތަނެކެވެ. އެ ތަނުގައި އައިސީޔޫ ދެ އެނދާއި ވެންޓިލޭޓަރުގައި ފަރުވާދެވެން ވެސް ހުރެ އެވެ. އެ ފެސިލިޓީ ތަރައްގީކޮށްފައިވަނީ ހިނަވާ ގެއަކާވެސް އެކުގައެވެ،
ރައީސް އިއްޔެ ވަނީ ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީއަށްވެސް ޒިޔާރަތްކުރައްވައިފައެވެ. އެތަނަކީވެސް ކޮވިޑްއިން ރައްކާތެރިކުރުމަށް މީހުން އައިސޮލޭޓް ކުރުމަށް ހަދާފައިވާ ތަނެކެވެ. އެތަނަކީ 300 އެނދުނުގެ މެޑިކަލް ފެސިލިޓީއެކެވެ.
ކޮވިޑްއިން ސަލާމަތްވުމަށް އުފައްދަވާފައިވާ ނެޝެނަލް ޓާސްކް ފޯސްއާވެސް ރައީސް އިއްޔެ ވަނީ ބައްދަލުކުރައްވައި ދިމާވަމުންދާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ރާއްޖޭގައި ކޮވިޑް ޖެހިފަިއވާ 19 މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެ ތެރެއިން ފަތުރުވެރިއަކު ޕޮޒިޓިވްވީ އެމީހުން ގައުމަށް ދިޔަ ފަހުންނެވެ. ކޮވިޑް ޖެހިގެން ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ހަތަރު މީހުން ފިޔަވައި އެންމެންވެސް ވަނީ ރަނގަޅުވެފައެވެ.
ކޮވިޑްއާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮންނަތާ މިހާރު މަސްދުވަސް ވާން ވަނީ ކައިރިވެފައެވެ.