11 Apr 2020, 19:44
ކޮވިޑް-19ގެ ފަރުވާއަށް ބޭނުންކުރެވޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވާ ހައިޑްރޮކްސީކްލޮރޯކްއީން ބޭސް ރާއްޖެއަށް އެކްސްޕޯޓު ކުރުމުގެ ހުއްދަ އިންޑިއާއިން ދިނުމުން ދިވެހި ސަރުކާރުން އެކަމަށް ޝުކުރު އަދާކޮށްފިއެވެ.
އިންޑިއާއިން ބޭރުކުރުން މަނާކޮށްފައިވާ އެ ބޭސް ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 13 ގައުމަކަށް އެކްސްޕޯޓު ކުރަން ވަނީ ހުއްދަ ދީފައެވެ.
އެ ބޭހުގެ އިތުރުން އިންޑިއާއިން ބޭރުކުރުން ކޮންޓްރޯލު ކޮށްފައިވާ ބައެއް އެހެން ބާވަތްތަކުގެ ބޭސް ވެސް ރާއްޖެއަށް އެކްސްޕޯޓު ކުރުމުގެ ހުއްދަ އެގައުމުން ވަނީ ދީފަ އެވެ.
މީގެ އިތުރުން އިންޑިއާއިން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ތިން މަސް ދުވަހަށް ވާވަރުގެ ޝިޕްމަންޓަކާއި ކޮވިޑް-19އާ ގުޅިގެން އެސްޓީއޯއިން އޯޑަރުކުރި ބޭސް ޝިޕްމަންޓެއް ނުގެނެވި ތާށިވުމުން، އެތަކެތި ވެސް ރާއްޖެއަށް ހިލޭ ގެނެސްދީފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށް ރާއްޖޭގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިކަންކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ޔޫއޭއީގެ ފޮރިން މިނިސްޓަރަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވެ އެވެ.
އެ ފޯނު ކޯލުގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ކުރެވޭ މަސައްކަތްތަކާއި މި ދަނޑިވަޅުގައި ދިމާވާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށް ދެގައުމުން ގުޅިގެން ކުރެވިދާނެ ކަންތައްތަަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.