11 Apr 2020, 19:01
ކޮވިޑް19ގެ ސަބަބުން ގައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި މޮރިޝަސް އަދި ސައުތު އެފްރިކާގެ 51 މީހަކު މޯލްޑިވިއަންގެ ފްލައިޓެއްގައި އެމީހުންގެ ގައުމަށް ގެންގޮސްދީފި އެވެ.
މިއަދު ހަވީރު މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެން ފުރި އެ މީހުންގެ ތެރޭގައި ހިމެނެނީ ސައުތު އެފްރިކާގެ 40 މީހަކާއި މޮރިޝަސްގެ 11 މީހެކެވެ.
އެ ފްލައިޓް ސައުތު އެފްރިކާގެ ޖޮހަނެސްބާގްއަށް ދާނީ މޮރިޝަސްއަށް ޓްރާންސިޓް ކުރުމަށްފަހުގަ އެވެ.
މިދިޔަ އަންގާރަ ދުވަހު ރާއްޖޭގައި ތިބި މެލޭޝިއާގެ 30 މީހަކު ވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި އެމީހުންގެ ގައުމަށް ވަނީ ގެންގޮސްދީފަ އެވެ.
މީގެ އިތުރުން ބޭރުގެ އެކި ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމަށް މޯލްޑިވިއަންއިން ދަނީ ފުރުސަތު ލިބުނު ވަރަކުން ފްލައިޓްތައް ޝެޑިއުލް ކުރަމުންނެވެ.