12 Apr 2020, 08:33
ބެލުންތެރިން މުނިފޫހި ފިލުވާ ދިނުމަށްޓަކައި އޮންލައިންކޮށް ރިއަލިޓީ ޝޯއެއް ކުރިއަށް ގެންދިޔުމަށް ބޮލީވުޑްގެ ކާމިޔާބު ތަރި ވަރުން ދަވަން ނިންމައިފިއެވެ.
ވަރުން ބުނީ "އެންޓަޓައިންމަންޓް ނަންބަރު 1"ގެ ނަމުގައި އެ ޝޯ ފަށާއިރު އެ ޝޯގެ ފުރަތަމަ އެޕިސޯޑެއް ގެނެސްދޭނީ މާދަމާ ކަމަށެވެ. އަދި ޝޯ ގެނެސްދޭނީ ފްލިޕްކާޓް ވީޑިއޯސް އިންކަމަށެވެ.
ޝޯ އާ ބެހޭގޮތުން ވަރުން ބުނީ މިދުވަސްކޮޅަކީ ގައުމު ލޮކްޑައުން ކޮށްފައިވާ ދުވަސްކޮޅެއް ކަމަށާއި އެންމެންވެސް ގިނަ ވަގުތު ގޭގައި ތިބެން ގިނަ މީހުން ފޫހިވާކަމަށެވެ. އަދި ގޭގައި ތިބެގެން މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ޝޯއެއް ކަމަށެވެ. މި ޝޯއަކީ އެތައް މިލިއަން މީހުން ހިތްހަމަޖައްސުވައިދިނުމަށްޓަކައި ރޭވި ޝޯއެއް ކަމަށްވެސް ވަރުން ބުންޏެވެ.
އެ ޝޯއަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ކުދިންނަށް އެ ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭ ޝޯއެކެވެ. ޝޯގެ ބައިވެރިންނަށް ޕާފޯމަންސް ސީދާކޮށް ފްލިޕްކާޓް އެޕްގެ ވީޑީއޯ ސެކްޝަނުން ރެކޯޑް ކުރެވޭނެ އިންތިޒާމް ވަނީ މަގުފަހިވެފައެވެ.
އަށް ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެ ޝޯގައި ބައިވެރިވެވޭނީ 13 އަހަރުން މަތީގެ މީހުންނަށެވެ. އަދި 13 އަހަރުން ދަށުގެ ކުދިން ބައިވެރިވާން ބޭނުންނަމަ ބޮޑެތި މީހުންގެ ސުޕަވައިޒްކުރުމުގެ އެހީއާއެކު ބައިވެރިވެވޭނެއެވެ. ކޮންމެ ހަފުތާއެއްގެ ވެސް އެންމެ މަގްބޫލު ބައިވެރިންނަށް ޖެހިގެން އަންނަ ހަފްތާގައި ޝޯގައި ބައިވެރިވުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ. ވަރުންގެ އެ ޝޯގައި ގިނަ އިނާމްތަކާއި ގިފްޓް ވައުޗާވެސް ދިނުމަށް ވަނީ ނިންމާފައެވެ.
ވަރުން ބުނީ މި ޝޯއަކީ އެތަށް ގޮތަކުން ތަފާތު ޝޯއެއްކަމަށާއި ގިނަ ބަޔަކަށް އެއްފަހަރާ މަޖާކޮށްލުމުގެ ފުރުސަތު ތަނަވެސްވެ ވަރުން އާއެކު ވެސް ވަގުތު ކޮޅެއް ހޭދަކޮށްލެވޭނެ ޝޯއެއްކަމަށެވެ.