12 Apr 2020, 08:33
ބޮލީވުޑްގެ ޑިމާންޑްބޮޑު ބަތަލު އަޔޫޝްމަން ކުރާނާއާ އެކު އިއުލާންކުރި ފިލްމު "އިސްތިރީ ރޯގް ވިބާގް"ގައި ބަތަލާގެ ރޯލުން ފެނިގެންދާނީ މުރްނާލް ތާކޫރް ކަމަށް ޚަބަރުތައް ބުނެފިއެވެ.
މި ފިލްމުގެ ބަތަލާ ރޯލުކުޅުމަށް ކުރީ ބޫމީ ޕަޑްނޭކަރު އާއި އަލާޔާ ވާހަކަދެއްކި ނަމަވެސް ވަކި ގޮތަކަށް އެއްބަސްވުމަކަށް އާދެވިފައިވާނުވާތީ މި ފިލްމަށް މިހާރު މުރްނާލް ހަމަޖައްސާފައިވާކަމަށް ހަބަރުތައް ބުނެއެވެ.
ބޫމީ އާއި އާޔުޝްމަންގެ ޖޯޑަކީ ސްކްރީނަށް އާ ދެޖޯޑެއް ނޫނެވެ. އެދެތަރިން އެކުގައި ގިނަ ފިލްމުތަކަކުން ވަނީ ފެނިގެން ގޮއްސައެވެ. އޭގެ ތެރޭގައި "ބާލާ" އާއި "ސުބް މަންގަލް ސާވްދާން" އާއި "ދަމް ލަގާ ކޭ ޙައިޝާ" ހިމެނެއެވެ.
ޒީ ޓީވީގެ ޑްރާމާ ސިލްސިލާ "ކުމް ކުމް ބާގްޔާ" އިން ވިދާލި ތަރި މުރްނާލް ވަނީ މީގެ ހަތަރު ވަރަކަށް އަހަރުކުރިން ބޮލީވުޑަށް ތައާރަފްވެފައެވެ.
އާޔޫޝްމަން އާއި މުރްނާލް އެކުގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެންދާ މި ފިލްމަކީ އަންނަ އަހަރު ތެރޭ ސިނަމާތަކަށް ގެންނާނެ ފިލްމެކެވެ. މި ފިލްމަކީ އާއިލާއަށް ފިލައިގެން އުޅޭ އަންހެން ކުއްޖަކަށް ބޯހިޔާވަހިކަން ދީގެން އުޅެނިކޮށް ފިރިހެން ގައިނަކޮލިޖިސްޓަކަށް ދިމާވާ ކަންތައްތަކެއްގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.