މި އަހަރު ޝޫޓިން ފެށުމަށް ނިންމާފައިވަނިކޮށް ކޮވިޑް19 އާ ގުޅިގެން ޝޫޓިން ފަސްކުރި ކަރަން ޖޯހަރުގެ ވަރުގަދަ ފިލްމު "ތަޚްތު"ގެ ރޯލަކަށް ޖާވިދު ޖެފްރީ ސޮއިކޮށްފިއެވެ.

ވަރުގަދަ ކާސްޓަކާއެކު އިއުލާންކުރި އެ ފިލްމަށް ޖާވިދު ސޮއިކުރިކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ. ޖާވިދު ބުނީ ފިލްމުގައި އޭނާއަށް ކުޅެން ލިބުނީ ޝާހް ޖަހާންގެ ދަރުބާރުގެ ގާޒީއެއްގެ ރޯލު ކަމަށާއި އެ ރޯލާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ އެ ރޯލަކީ ވަރަށް ވަރުގަދަ ރޯލެއް ކަމަށާއި މި ފިލްމުގެ ޝޫޓިން އަށް މިހާރު ކެތްމަދުވެފައިވާކަމަށެވެ.

ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމު، އަދި އޭނާގެ ފުރަތަމަ އެޕިކް "ތަޚްތު" ރިލީޒްކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

އޭ ލިސްޓުގެ ތަރިންނާއެކު ތައްޔާރު ކުރާ އެ ފިލްމަކީ މުގަލް ޒަމާނުގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެ ފިލްމުގެ ލީޑު ކާސްޓުގެ ތެރޭގައި ހިމެނެނީ ރަންވީރު ސިންގް، ކަރީނާ ކަޕޫރު ޚާން، އާލިއާ ބަޓް، ވިކީ ކޯޝަލް، ބޫމީ ޕެދްނޭކަރު، އަނިލް ކަޕޫރު އަދި ޖާންވީ ކަޕޫރެވެ.

ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކަރަން މީގެ ކުރިން ބުނީ އެއީ ދެބެންގެ ދެމެދުގައި ހިނގާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށެވެ. ފިލްމުގައި ދެބޭންގެ ރޯލް ކުޅޭނީ ރަންވީރާއި ވިކީ އެވެ.