ބަންގުލަދޭޝްގެ އަންހެނަކު އޭނާގެ ފިރިމީހާ އަށް ވުރެ ތައުލީމީ ގޮތުން މޮޅުވާން ފެށުމުން އަނބިމީހާގެ އަތުގެ އިނގިލިތައް ބުރިކޮށްލައިފި އެވެ.

ބަނގުލަދޭޝް ފުލުހުންނާ ހަވާލާދީ ބީބީސީ ބުނި ގޮތުގައި އުމުރުން 30 އަހަރުގެ ރަފީގުލް އިސްލާމް ވަނީ އޭނާގެ އަންހެނުންގެ އިނލިތައް ބުރިކޮށްލި ކަމަށް އެއްބަސްވެފަ އެވެ. އޭނާ، އޭނާގެ އަންހެނުންގެ ކަނާއަތުގެ އިނގިލިތައް ބުރިކޮށްލީ އޭނާގެ ހުއްދަ ނުހޯދައި ކިޔަވަންދާން އުޅުމުންނެވެ.

މި މަހު ކުރީ ކޮޅު ރަފީގުލް އިސްލާމް އޭނާގެ އަންހެނުން ހައްވާ އަޚުތަރު ޖުއިގެ ކަނާތުގެ ހުރިހާ އިނގިއްޔެއް ބުރިކޮށްލީ އޭނާ ބަނދެ، އަނގަމަތީގައި ޓޭޕްއަޅައި ބަންދުކުރުމަށް ފަހުގަ އެވެ.

އުމުރުން 21 އަހަރުގެ ހައްވާގެ އިނގިލިތައް އަލުން ނުގުޅުވޭނެ ކަމަށާއި އޭނާ ދެން މުޅި އުމުރު ވެސް ހޭދަކުރަން ޖެހޭނީ އެއައިބުތަކާ އެކުގައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

"އޭނާ ބަނގުލަދޭޝް އަށް އެނބުރި އައި، އަދި ކަމަކާ މެދު މަޝްވަރާކުރަން ބޭނުންވި، ކުއްލިއަކަށް އޭނާ އަހަރެން ކަނުބަދެ، އަދި އަހަރެންގެ އަތްވެސް އެއްސި،" ޔޫއޭއީގައި މަސައްކަތް ކުރަން ހުރެފައި އައިސް ހައްވާގެ އިނގިލިތައް ބުރިކޮށްލި ހާދިސާ ހިނގި ގޮތް ކިޔައިދެމުން ހައްވާ ބުނި ކަމަށް ބީބީސީގައިވެ އެވެ.

"ޑޮކްޓަރުން ބުނި އަހަރެންގެ އިނގިލިތައް ހަ ގަޑިއިރުގެ ތެރޭގައި ލިބިއްޖެ ނަމަ ގުޅުވޭނެ ކަމަށް، އެކަމަކު އެ އިނގިލިތައް ދިނުމަށް އޭނާ ދެކޮޅުހެދި. އަދި އޭގެ ފަހުން ފިރިމީހާގެ އާއިލާގެ މީހަކު އެ އިނގިލިތައް ޑަސްބިނަށް އަޅާލީ،" ހައްވާ ބުނެފައިވެ އެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި ވައަތުން ލިޔަން އޭނާ މިހާރު ދަނީ ފަރިތަކުރަމުންނެވެ. އަދި ކިޔެވުން ކުރިއަށް ގެންދުމަށް ވެސް އޭނާ ބޭނުންވެ އެވެ.

ހައްވާގެ އިނގިލިތައް ބުރިކޮށްލި ރަފީގު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.