ނިއުޔޯކް (11 އެޕްރީލް 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" ގެ ސަބަބުން އެމެރިކާގައި މަރުވާމީހުންގެ އަދަދު ގިނަކަމުން ވަޅުލާން ދަތިވެ ބޮޑު ވަޅުގަނޑެއް ކޮނުމަށްފަހު ގިނަ ބައެއްގެ ހަށިތައް އެއްވަޅެއްގައި ވަޅުލައިފިއެވެ.

އެމެރިކާގެ މީޑިއާ ބުނާގޮތުން ގިނަ ބައެއްގެ ހަށިތައް އެއްވަޅެއްގައި ވަޅުލާމަންޒަރު ވީޑިއޯއަކުން ފެނިފައިވާއިރު އެއީ ނިއުޔޯކް ސިޓީގެ "ހާޓް އައިލަންޑް" ގައި ގިނަބަޔަކު އެއްތަނެއްގައި ވަޅުލި މަންޒަރުގެ ވީޑިއޯއެކެވެ. އެ ވީޑިއޯ އިން ފެންނަނީ އާއިލާ ނެތް އެކަނިވެރި މީހުންނާ، ޖަނާޒާ ބޭއްވުމުގެ ތަނަވަސްކަން ނެތް ނިއުޔޯކުގެ ފަގީރުންގެ ބަޔަކު ވަޅުލާ މަންޒަރުކަމަށާ އޭގެތެރޭގައި ގިނައީ ކަޅުމީހުންނާއި ލެޓިންއެމެރިކާ ދަރިކޮޅުގެ މީހުންކަމަށާ ދޮންމީހުން ވަރަށް މަދުކަމަށްވެސް އެމެރިކާގައި ޝާއިޢުކޮށްފައިވާ ނޫސް ރިޕޯޓްތައް ބުނެއެވެ.

ބޮޑު ވަޅުގަނޑެއް ކޮނުމަށްފަހު ގިނަ ބައެއްގެ ހަށިތައް ވަޅުލި ނިއުޔޯކްގެ "ހާޓް އައިލަންޑް" ސަރަހައްދަކީ އާއިލާ ނެތް އެކަނިވެރި މީހުންނާއި ޖަނާޒާގެ ކަންތައް އަމިއްލައަށް ކުރުމުގެ ގާބިލުކަންނެތް ފަގީރު އާއިލާތަކުގެ މެންބަރުން ވަޅުލާ ސަރަހައްދެކެވެ.

ކޮރޯނާ ވައިރަސް ގެ ސަބަބުން އެމެރިކާގައި މަރުވާ މީހުންގެ ހަށިތައް ސަންދޯކުތަކުގައި

އެމެރިކާގައި ކޮވިޑް-19 ބޮޑު ވަބާއަކަށް ވެފައިވާއިރު އެ ރޯގާގައި ދުވާލެއްގެ މައްޗަށް ދެހާހާ ގާތްކުރާ އަދަދަކަށް އެގައުމުގައި މީހުން މަރުވަމުންދެއެވެ. އެ ރޯގާގައި އެންމެގިނަ ބަޔަކު މަރުވަނީވެސް ނިއުޔޯކުންނެވެ. އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 5 ލައްކަ ތިންހާހަށްވުރެ މައްޗަށް ގޮސްފައެވެ. އަދި އެރޯގާގައި އެމެރިކާގައި މަރުވި މީހުންގެ އަދަދުވެސްވަނީ 18 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮސިޓިވްވީ ގައުމަކީވެސް އެމެރިކާ އެވެ.

ކޮވިޑް-19 ޖެހިގެން އެމެރިކާގައި މަރުވާމީހުންގެ އަދަދު އެއްލައްކައާއި ދޮޅުލައްކައަށް އަރާނެކަމަށް އެމެރިކާގެ ތަޖުރިބާކާރުން އަންދާޒާ ކުރިނަމަވެސް އެމެރިކާގެ ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކުން އަމިއްލައަށް އެ ރޯގާއާ ދެކޮޅަށް މިހާރު އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކު މަރުގެ އަދަދު 60 ހާހަށް ދަށްކުރެވޭނެ ކަމުގެ އުންމީދު އޮތްކަމަށް ވައިޓް ހައުސް ގައި އެކުލަވާލާފައިވާ ކޮރޯނާވައިރަސް ޓާސްކްފޯހަށް ލަފާދޭ އިސް ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސްޓޭޓްތަކުގެ ގަވަރުނަރުން ގެންދަނީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮންޖެއްސެވުމަށްފަހު އެބޭފުޅުންގެ ސްޓޭޓްތަކުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

މީގެތެރޭގައި އެސްޓޭޓްތައް ފުރަބަންދު ކުރުމާއި ކާފިއު ހިންގުމާއި ވަޒީފާއަށް މީހުން ނުކުތުން މަނާކުރުންފަދަ ޓްރަމްޕް ދެކޮޅު ހައްދަވާ ފިޔަވަޅުތައް ހިމެނެއެވެ. ކުންފުނިތަކަށް ގެއްލުންވެދާނެތީ ޓްރަމްޕް ގެންދަވަނީ ކޮވިޑް-19 ފެތުރުނަސް މީހުން ވަޒީފާއަށް ނުކުތުން ހުއްޓުވުމާ ދެކޮޅު ހަދަމުންނެވެ.

ނިއުޔޯކް ސިޓީގެ "ހާޓް އައިލަންޑް" ސަރަހައްދުގައި އެއްވަޅެއްގައި ގިނަބަޔަކު ވަޅުލުމުގައި ހަރަކާތްތެރިވަނީ އެސްޓޭޓްގެ ޖަލުތަކުގެ ގައިދީންނެވެ. ގައިދީން ބޭނުންކޮށްގެން އެކަންކުރަނީ ކޮންޓްރަކްޓް އުސޫލުން އެމަސައްކަތް ނަގައިގެން އުޅޭ ކުދި ކުންފުނިތަކުންނެވެ. ކޮވިޑް-19 ގެ ސަބަބުން ނޫން ބަލިތަކުގައިވެސް މަރުވާމީހުން "ހާޓް އައިލަންޑް" ސަރަހައްދުގައި ބޮޑެތި ކައްވަޅުތަކުގައި ވަޅުލާމީހުންގެ ތެރޭގައި ހިމެނޭކަމަށް ނިއުޔޯކުގެ ހޮސްޕިޓަލްތަކުން ބުނެފައިވެއެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)