11 Apr 2020, 18:32
އިންޑިއާގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓްގެ އެއްވަނަ ޕްރޮވައިޑާ ޝެމަރޫ އެންޓަޓެއިންމަންޓްގެ "ޝެމަރޫމީ" ދިރާގު ޓީވީ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމަށް އިތުރުކޮށްފި އެވެ.
ދިރާގުން ބުނީ މިހާރު އިންޑިއާގެ މަޝްހޫރު ފިލްމުތައް ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމުން ބަލައިލެވޭނެ ކަމަށެވެ.
އޭގެ ތެރޭގައި އިހުގެ ބޮލީވުޑް ސުޕަހިޓް ފިލްމުތަކާއި ބެންގާލީ ފިލްމުތައް ވެސް ހިމެނެ އެވެ.
ދިރާގުން ބުނީ މިއީ ގޭގައި ތިބެން ޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި އިހުގެ އަދި މިހާރުގެ ބޮލީވުޑް ފިލްމުތައް ބަލާލައި، ގޭގައި ތިބެ މުނިފޫހިފިލުވާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
ދިރާގު ޓީވީއަށް އަލަށް އިތުރުކުރި ޝެމަރޫގެ ކޮންޓެންޓް މެއި މަހުގެ ނިޔަލަށް 50 ޕަސެންޓުގެ ޑިސްކައުންޓާއެކު މަހަކު 30 ރުފިޔާއަށް ބަލައިލެވޭނެ އެވެ.
ވީޑިއޯ އޮން ޑިމާންޑްއަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ބަލާލުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.
ދިރާގު ޓީވީގެ ވީއޯޑީ ލައިބްރަރީ އިތުރަށް މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއި ހެޔޮ އަގުގައި ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީ ގެ ހިދުމަތެވެ.