11 Apr 2020, 14:56
ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން، މާލޭ ސަރަހައްދާއި އަރާ ފޭބުން މަނާކޮށްފައިވާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރުމަށް ނިންމި ނިންމުން، އޭޕްރީލް 18 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.
އެންމެފަހުން މިމަހު ހަތަރުވަނަ ދުވަހު އެ މުއްދަތު އިތުރުކުރި މުއްދަތު ހަމަވަނީ މިއަދަށެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ސަރުކާރުން މަނާކޮށްފައިވާ ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުނުކުރަމަށް އަންގާފައިވާ އެންގުމަށް އަމަލުކުރުން އެޕްރީލް 18ވާ ހޮނިހިރު ދުވަހުގެ އަސުރުނަމާދުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ނޫސްބަޔާނުގައި އަދި ބުނީ، އަތޮޅުތެރޭގައި ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާ ނުކުރި ނަމަވެސް، އެއްވެސް ރަށަކަށް އަރާ ފޭބުން މަނާކޮށްފިނަމަ، އެ ހާލަތު ދެމިއޮތްހާ ހިނދަކު އެ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން މަނާވާނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފައެވެ.
މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކުރުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެ އެވެ.
އިސްލާމިކް މިނިސްޓްރިން އަންނަނީ މި ނިންމުމް ހަފްތާއަކުން ހަފްތާއަކުން އިތުރުކުރަމުންނެވެ. އެގޮތުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ވަނީ އެ މުއްދަތު އިތުރުކޮށްފައެވެ. އެންމެ ފުރަތަމަ މިގޮތަށް ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރީ، މިދިޔަ މަހު 28 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ.
ސަރުކާރުން އިއްޔެ ވަނީ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް އިތުރުކޮށްފަ އެވެ. ރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނެރުއްވި ގަރާރުގައި ވިދާޅުވީ، އެގޮތަށް ނިންމާފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮރޯނާވައިރަސް ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާތީ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން 19 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު ފަރުވާދެމުން ދަނީ އިނގިރޭސީވިލާތުން އައި ހަތަރު ދިވެހިންނަށެވެ. ދެ މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ