17 Dec 2011, 14:44
ލ. އަތޮޅު މައިބައިދޫގެ ޒުވާން އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެރަށުގެ ޒުވާނަކު، އެ އަންހެން ކުއްޖާ މާލެ އިން ރަށްޓެހިވެގެން އުޅޭ ފިރިހެން ކުއްޖަކު އެރަށަށް ޗުއްޓީއެއްގައި ދިއުމުން ވަޅިހަރައި، ޒަހަމްކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
މައިބައިދޫގެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅު ހިނގި އެ ހާދިސާގައި މާލެ އިން އެރަށަށް ދިޔަ ޒުވާން ފިރިހެން ކުއްޖާގެ ކަނާތު ފަޔަށާއި އަތަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ ކަމަށާއި އޭނާ އަށް ވަޅިއަކުން ހަމަލާދީފައި ވަނީ އެއަންހެން ކުއްޖާ އެރަށުން ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާ ކަމަށެވެ.
" އެއަންހެން ކުއްޖާ މިރަށުން ރައްޓެހިވެގެން އުޅޭ ކުއްޖާ މާލެ އިން އައި ކުއްޖާ އަށް ހަމަލާދިނީ، ދެ މީހުންނާ ވެސް ރަށްޓެހިވެގެން އުޅޭ ކަމަށް ވަނީ އަންހެން ކުއްޖާއާ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ މާލެ އިން އެރަށަށް ދިޔަ ފިރިހެން ކުއްޖާއަށް ހަމަލަ ދިން މައްސަލާގެ ތުހުމަތުގައި އެރަށު ނައިބުގޭ، ހުސެއިން ޝާޖިދު 20، ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށައި އެކަމަކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މާބައިދޫ ހާދިސާ ހިނގީ މާލެއިން އެރަށަށް ދިޔަ ޒުވާން ފިރިހެން ކުއްޖާއާ ޗުއްޓީގައި އެރަށަށް ގޮސް އަންހެން ކުއްޖާގެ ގޭގައި ހުރި 17 އަހަރުގެ ފިރިހެން ކުއްޖަކާ ދެމީހުން ރަށުގެ އަތިރިމަތިން ހިނގާފައި ދަނިކޮށް، އެ ރަށުގައި ހުންނަ، އަންހެން ކުއްޖާގެ ލޯބިވެރިޔާ އާ ދެމީހުންގެ ދެމެދުގައި އުފެދުނު ދެބަސްވުމެއް ހޫނުވެގެނެވެ.
އެ ހާދިސާގައި އަންހެން ކުއްޖާ މާލެއިން ރައްޓެހިވެގެން އުޅޭ ކުއްޖާގެ ސަލާމާތްކުރަން އުޅުމުގެ ތެރޭގައި 17 އަހަރުގެ ކުއްޖާގެ ބުރަކަށްޓަށް ވަޅީގެ ހަމަލާ އަރާފައި ވެއެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަންހެން ކުއްޖާ ލޯބީގެ ގޮތުން މާލެއިން ރައްޓެހިވެގެން އުޅޭ ޒުވާނާއަކީ ފުލުހެކެވެ. ނަމަވެސް އޭނާ ހުންނަނީ ކޮންމެ ވެސް މައްސަލައެއްގައި ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އޭނާ ޗުއްޓީއަށް މާބައިދޫއަށް ދިޔައީ އަންހެން ކުއްޖާގެ އެދުމަކަށެވެ.