ސްޕެއިންގެ މަޝްހޫރު ފުޓުބޯޅަ ކުލަބް ބާސެލޯނާގެ ބޯޑުގައި ހިމެނޭ ހަ މެމްބަރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދިނުމަށް ފަހު އެ ކުލަބުގެ ރައީސް ޖޯސެޕް ބާޓޮމެއުއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ބާސެލޯނާގެ އެތެރޭގައި ފަހަކަށް އައިސް މައްސަލަތަކެއް އުފެދި ކުޅުންތެރިންނާއި މެނޭޖްމެންޓާއި ދެމެދު އަރާރުންތަަކެއް ހިނގާފައިވާ މި ދަނޑިވަޅުގައި ބޯޑުގެ ހަ މެމްބަރުކު އިސްތިއުފާ ދީފައިވަނީ ކުލަބްގެ ހިންގުމާ ދޭތެރޭގައި ހިތްހަމަ ނުޖެހިގެންނެވެ. އަދި ކުލަބުގެ ރައީސް ބާޓޮމެއު ވަކިކޮށް އަވަސް އިންތިހާބެއް ބޭއްވުމަށް އެ މެމްބަރުން ވަނީ ގޮވާލައިފަ އެވެ.

އިއްޔެގެ ވަގުތެއްގައި ބާސެލޯނާގެ ބޯޑުން އިސްތިއުފާ ދީފައި ވަނީ އެ ކުލަބުގެ ނައިބު ރައީސުންގެ ގޮތުގައި ހިމެނޭ ހަތަރު މެމްބަރުންގެ ތެރެއިން ދެ މެމްބަރުން ކަމަށްވާ އެމިލީ ރޫސާދް އަދި އެންރިކް ޓޮމްބަސްއާއި، އިތުރު ހަތަރު ޑިރެކްޓަރުން ކަމަށްވާ ސިލްވިއޯ އެލިއަސް، ޖޯސެޕް ޕޮންޓް އަދި ޖޯޑީ ކަލްސާމިގްލިއާގެ އިތުރުން މާރިއާ ޓެކްސިޑޯ އެވެ.

މި ހަ މެމްބަރުންގެ އިސްތިއުފާ ސިޓީގައި ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަސްއާ ގުޅިގެން ކުލަބަށް ދިމާވެފައިވާ މާލީ ދަތިކަމުގައި ކުލަބުގެ މެނޭޖްމެންްޓުން ކަންތައް ކުރަމުންދާ ގޮތާއި މެދު ހިތްހަމަ ނުޖެހޭކަން ވަނީ ފާޅުކޮށްފަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަހު ކުލަބުގެ ބޯޑުގެ މެމްބަރެއް ކަމަށްވާ އެރިކް އަބިޑާލް އާއި ކެޕްޓަން ލިއޮނެލް މެސީއާއި ޖެހުނު މައްސަލައިގައި ވެސް މެނޭޖްމެންޓުން ކަންތައް ކުރީ ރަނގަޅަށް ނޫންކަން ފާހަގަކޮށްފައިވެ އެވެ.

އެހެން ނަމަވެސް އެ ހަ މެމްބަރުން ކުލަބާއި ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތައް ބާސެލޯނާއިން ވަނީ ދޮގުކޮށްފަ އެވެ. އަދި ބޯޑުން ހުސްވި މަގަމާމުތައް ކުލަބުގެ ރައީސް ބާޓޮމެއުގެ ތާއީދާ އެކު ވަރަށް އަވަހަށް އައްޔަންކޮށް އިއުލާން ކުރާނެ ކަމަށް ވެސް ބާސެލޯނާއިން ވަނީ ބުނެފަ އެވެ.

މި ދަނޑިވަޅުގައި ބާސެލޯނާގެ ހުރިހާ ކުޅުންތެރިންގެ 79 އިންސައްތަ މުސާރައިން އުނި ކުރުމަށް ކުޅުންތެރިން ވަނީ އެއްބަސްވެފަ އެވެ. އަދި މީގެ އިތުރުން ވެސް ކުޅުންތެރިން ދަނީ ސިއްހީ ފައުންޑޭޝަންތަކަށާއި ހޮސްޕިޓަލްތަކަށް ބޮޑެތި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.