ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ފަރުވާއެއްގެ ގޮތުގައި މިހާރު ދުނިޔޭގައި ބޭނުން ކުރަމުންދާ އެންޓި މެލޭރިއާ ޑްރަގް "ހައިޑްރޮސިކޮލްރޯކުއަނިން" ޓެބްލެޓްތައް އިންޑިއާއިން ބޭރުގެ ސަރުކާރުން ނިންމި 13 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

ރާއްޖޭގެ އިތުރުން މި ބޭސް ފޮނުވުމަށް އިންޑިއާއިން ހަމަޖެއްސި އަނެއް 12 ގައުމަކީ އެމެރިކާ، ސްްޕެއިން، ބަހްރެއިން، ބްރެޒިލް، ނޭޕާލް، ބޫޓާން، އަފްގާނިސްތާން، ބަންގްލަދޭޝް، ސީޝެލްސް، އަދި މޮރިޝަސްގެ އިތުރުން ޑޮމިނިކަން ރިޕަބްލިކެވެ. މީގެ ތެރެއިން ބައެއް ގައުމުތަކަށް އެންޓި މެލޭރިއަލް ބޭސް ފޮނުވަން މިހާރު ވަނީ ފަށައިފަ އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އަދި ސެކެއްޓަރީ ދަމޫ ރާވީ އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެންޓި މެލޭރިއަލް ޑްރަގްގެ ޑިމާންޑް ބޮޑުވެ ވަރަށް ގިނަ ގައުމުތަކަކުން އެ ޑްރަގް ހޯދަން އެދިފައިވާ ކަމަށެވެ. އެހެން ކަމުން އިންޑިއާގައި އެ ޑްރަގް ބޭނުންވާނެ ވަރު ބަލާފައި އިތުރަށް ހުރި ޓެބްލެޓްތައް އެކި ގައުމުތަކަށް ބަހަން ނިންމީ މިނިސްޓަރުންގެ ގުރޫޕެއްގެ އަގުލަބިއްޔަތަކުން އެކަމަށް ރުހުން ލިބުމުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

އަދި ކުރިއަށް އޮތްތާގައި އިތުރު ދެ ބެޗެއްގެ ޑްރަގް ގައުމުތަކަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރާވީ ވަނީ ބުނެފަ އެވެ. އެގޮތުން ފުރަތަމަ ބެޗުގެ ޑްރަގްތައް ވަރަށް އަވަހަށް ގައުމުތަކަށް ފޯރުކޮށްދޭނެ ކަމަށާއި ޑިމާންޑާއި އެއްވަރަށް ފޯރުކޮށްދިނުމަށް އިތުރު ދެ ބެޗެއްގެ ޓެބްލެޓް ތައްޔާރު ކުރާނެ ކަމަށެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އިންޑިއާގައި 10 މިލިއަން އެންޓި މެލޭރިއަލް ޓެބްލެޓް އެގައުމުގައި ބޭނުން ކުރަން ޖެހޭނެ އެވެ. އަދި މިހާރު ސްޓޮކުގައި ހުރީ 32 މިލިއަން ޓެބްލެޓް ކަމަށާއި، ގައުމުތަކަށް ދޫކުރާނީ އިންޑިއާގެ ޑޮމެސްޓިކް ބޭނުންތަކަށް ބޭނުންކޮށްފައި ބާކީ ހުރި ބައި ކަމަށް ބުނެފައިވެ އެވެ.

އެންޓި މެލޭރިއަލް ޓެބްލެޓް އެންމެ ގިނައިން ޑިމާންޑްކޮށްފައިވަނީ އެމެރިކާއާއި، ޖަރުމަން އަދި ކެނަޑާއިންނެވެ. އެގައުމުތަކުން 50 މިލިއަން ޓެބްލެޓް ހޯދުމަށް އިންްޑިއާ ގާތުން އެދިފައިވީ ނަމަވެސް އެ މިންވަރަށް ޓެބްލެޓް ނުދެވޭނެ ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ.

އިންޑިއާއިން ރާއްޖެއަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ ދެ ލައްކަ ޓެބްލެޓްސް އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑްގެ 19 ކޭސްއެއް ފެނިފައިވެ އެވެ. އޭގެ ތެރެއިން ދެ ފަތުރުވެރިއަކު ޕޮޒިޓިވްވީ އެމީހުން އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ބަލި ފެނުނު 13 މީހަކު މިހާރު ވަނީ އެއްކޮށް ރަނގަޅުވެފަ އެވެ. ފަރުވާދެމުން ދަނީ، އިނގިރޭސިވިލާތުން އެނބުރި އައި ހަތަރު ދިވެއްސަކަށެވެ.