10 Apr 2020, 23:43
ރިސޯޓުތަކުގައި ތިބި މުވައްޒަފުންނާއި ސަފާރީތަކުގައި ތިބި މުވައްޒަފުން އެތަންތަނުން ފޭބުމުގައި ލުއިތަކެއް ދީފިއެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި އުސޫލުގައި ބުނީ ރިސޯޓުގައި ހުރި އެންމެ ފަހު ފަތުރުވެރިޔާ ރިސޯޓުން ފުރިތާ ނުވަތަ ރިސޯޓަށް އައިތާ، 14 ދުވަސް ވެފައިވާނަމަ، އަދި އެ މުއްދަތުގައި ރިސޯޓުގައި ތިބި އެއްވެސް މުވައްޒަފެއްގެ ފަރާތުން ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަމަ، އެކަން ކަށަވަރުކޮށް ރިސޯޓު މެނޭޖުމެންޓުން އެކަން ކަށަވަރުކޮށް އެޗްޕީއޭ އަށް ފޯމު ހުށަހެޅުމުން ރިސޯޓުން ފޭބުމުގެ ހުއްދަ ދޭނެ ކަމަށެވެ.
މީގެ އިތުރުން ރިސޯޓު ނުވަތަ ސަފާރީ މޮނީޓަރިން އަށް ލެވުނު ނަމަވެސް އެތަނުން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު 14 ދުވަސް ތެރޭ ފެނިފައިނުވާ ނަމަ، އަދި ބަލީގެ އަލާމާތެއް ހުރި މީހަކު ފެނިފައި ނުވާނަމަ ރިސޯތުގެ ފަރާތުން އެޗްޕީއޭ އަށް ފޮނުވަންޖެހޭ ފޯމު ފޮނުވުމުން ހުއްދަ ދޭނެ އެވެ.
އެޗްޕީއޭ އިން ބުނީ ޕޮޒިޓިވް ވެފައިވާ މީހަކު ފެނުނުތާ 14 ދުވަސް ވެފައިވާނަމަ، ބަލީގެ އަލާމާތްތައް ހުރި މީހަކު އެންމެ ފަހުން ފެނުނުތާ 14 ދުވަސް ފުރިހަމަވުމާއި ރިސޯޓުން ނުވަތަ ސަފާރީ އިން މީހުން ފައިބާއިރު ބަލީގެ އަލާމާތެއް ހުރި މީހަކު ނެތި، އެގްޒިޓް ފޯމު ފުރިހަމަ ކުރުމުންވެސް ރިސޯޓުން ފޭބުމުގެ ހުއްދަ ދޭނެ ކަމަށެވެ.
އަދި ރިސޯޓު ނުވަތަ ސަފާރީ އިން ބައްޔަށް މީހަކު ޕޮޒިޓިވްވެ، އޭނާގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހިފައިވާނަމަ 28 ދުވަސް ފުރިހަމަވެ، އެ މުއްދަތުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެނިފައި ނުވާނަމަ އަދި 14 ދުވަސް ފުރިހަމަވެއްޖެ ނަމަ ރިސޯޓުން އެގްޒިޓް ފޯމު ހުށަހެޅުމުން ރިސޯޓުން ފޭބުމުގެ ހުއްދަ ދޭނެއެވެ.
މިފަދަ ހާލަތުގައި ރިސޯޓު އަދި ސަފާރީގައި ތިބި މީހުން ކޮވިޑަށް ޓެސްޓުކޮށް ޕޮޒިޓިވް ވެފައިވާ މީހަކު ހުރެގެން ނުވާނެއެވެ.
މިހާރު ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފައިވާއިރު މީހުން ދިރިއުޅޭ ރަށްރަށުން ޓޫރިސްޓު ރިސޯޓުތަކަށް ދިޔުން ވެސް ވަނީ މަނާކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 19 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ފަރުވާ ދެމުންދަނީ ހަތަރު މީހަކަށެވެ.